ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފިއެވެ.
އެންއައިސީއަށް މެންބަރަކު އައްޔަން ކުރުމަށް، ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ތާއިދުކު ރައްވާފައެވެ. މި ހުށަހެޅުން މިއަދު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގައި 87 މެންބަރުން ތިއްބަވާ އިރު، މިއަދު ހާޒިރުވެ ވަޑައިގެންނެވީ 65 މެންބަރުންނެވެ. އޭގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 63 މެންބަރުން ވަނީ މި ހުށަހެޅުން އަނބުރާ ފޮނުވާލުމަށް ވޯޓު ދެއްވާފައެވެ.
އެންއައިސީ އަށް މެންބަރަކު އައްޔަން ކުރުމަށް ނިންމީ، އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ކޮމިޝަންގެ މެންބަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި 24 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު އެ ފަރާތްތަކަށް މާކްސް ދީފައެވެ. އެގޮތުން، އެވްރެޖް މާކްސް 75 މާކްސް އަށްވުރެ މަތިން ލިބޭ ފަރާތްތަކަކީ ކޮމިޝަނަށް އައްޔަން ކުރަން އެކަށީގެންވާ ފަރާތްތައް ކަމަށް ކޮމިޓީން ނިންމާފައިވާ އިރު، އެ މިންވަރަށް މާކްސް ލިބިވަޑައިގެންނެވީ ހަތަރު ފަރާތަކަށެވެ.
މީގެ އިތުރުން، އެންއައިސީގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށް ފަހު، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ. ނަމަވެސް އޭނާ ނަން އަނބުރާ ގެންދެވި ވަކި ސަބަބެއް ހާމަ ކުރައްވާފައެއް ނުވެއެވެ.