ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލް މިއަދު މަޖިލީހުން ފާސްކުރީ 76 މެންބަރުންގެ ރުހުމާއި އެކުއެވެ. މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، މިއަދު ހާޒިރުވެ ވަޑައިގެންނެވީ 78 މެންބަރުންނެވެ. އޭގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 77 މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވޯޓު ދެއްވީ އެއްވެސް ގޮތަކަށް ފެނި ވަޑައިނުގަންނަވާ ކަމަށެވެ. މަޖިލީހުން މި ބިލް ފާސްކުރުމާއި އެކި މި ވަނީ ބިލް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އެގޮތުން މި ބިލަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އިގްތިސޯދީ ގޮތުން ކުރިއަށް ދިއުމަށާއި ފަތުރުވެރިކަމާއި ތަހުޒީބުގެ ދުނިޔެއަކަށް ލޯ ހުޅުވާނަމަ ހިކުމަތްތެރިކަން އިސްކުރަން އެބަ ޖެހޭ ކަމަށެވެ. ރާއްޖޭގެ އާސާރުތަކާއި ބިނާތައް ބަހައްޓަން ޖެހޭ ކަމަށާއި އަދަބީ ތަރިކައިގައި ހިމެނޭ ޅެމާއި ރައިވަރާއި ބަންޖާއި ފަރިއްސަކީވެސް ލިޔެފައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން ރައްކާތެރިކޮށްފައި އެ ތަކެތި ހުރުމަކީ އަންނަން އޮތް ޖީލަށް ދިވެހިންނަކީ ކޮންގޮތަކަށް، ކިހިނެއް އުޅުނު ބައެއްކަން އަންގައިދޭނެ ހަމައެކަނި ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބިލަށް ބަހުސް ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، މަޖިލީހުގައި ހުވަދޫ ބަހުންނާއި ފުވައްމުލަކު ބަހުންނާއި އައްޑޫބަހުން ވާހަކަ ދެއްކޭނެ ގޮތްތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި ދިވެހި ބަހާއި ދިވެހި އަކުރާއި އާދަކާދަތަކުގެ ވާހަކަ ގާނޫނުގައި އައިސްފައިވާ އިރު ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ބަހުރުވަތަކަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން، ހަމައެކަނި ގާނޫނެއްގައި އެ ބަހުރުވަތަކަކީ ހިމާޔަތްކުރެވިފައިވާ އެއްޗެއް ކަމަށް ލިޔުނަސް ކޮންމެ ދުވަހެއްގެ އާދަކާދަތަކުގެ ތެރޭގައި ބޭނުން ނުކުރާނަމަ ބަހުރުވަ ނެތިދިއުމުގެ ބިރު އޮތް ކަން ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

މި ބިލް މަޖިލީހަށް ހުށަހަޅައިފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް، ތަރިކަ ކަމަށް ބެލެވޭ ތަކެއްޗާއި، ތަންތަނާއި، ސަރަހައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާ ގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންވާ ގޮތަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.