ރައްޔިތުންގެ މަޖިލީހުގައި ރަށްރަށުގެ ބަހުރުވައިން ވާހަކަ ދެއްކެން ޖެހޭނެ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހުވަދޫ ބަހުންނާއި ފުވައްމުލަކު ބަހުންނާއި އައްޑޫބަހުން ވާހަކަ ދެއްކޭނެ ގޮތްތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ ކަމަށެވެ.
ދިވެހި ބަހާއި ދިވެހި އަކުރާއި އާދަކާދަތަކުގެ ވާހަކަ މި ގާނޫނުގައި އައިސްފައިވާ އިރު ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ބަހުރުވަތަކަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ހަމައެކަނި ގާނޫނެއްގައި އެ ބަހުރުވަތަކަކީ ހިމާޔަތްކުރެވިފައިވާ އެއްޗެއް ކަމަށް ލިޔުނަސް ކޮންމެ ދުވަހެއްގެ އާދަކާދަތަކުގެ ތެރޭގައި ބޭނުންނުކުރާ ނަމަ ބަހުރުވަ ނެތިދިއުމުގެ ބިރު އޮތް ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ
ސަލީމް ވިދާޅުވީ، ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ކަންކޮށްފައިވާ ގޮތަށް ބަލާލާއިރު އޭރަކު އެ އޮންނަ ސަރުކާރަކުން ހިތަށް އެރި ގޮތަކަށް އެ ބައެއްގެ ސަގާފަތާއި ތަރިކައަަށް ބެހެވޭގޮތަށް އޮތުމަކީ އެކަންކަން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އެފަދަ ބިލެއް އެކުލަވާލައި ގާނޫނަކަށް ހަދަން އަދި މާބޮޑަށް ލަސްވެސްވެއްޖެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ބައެއް ކަން ހާމަކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އަމިއްލަ ސަގާފަތާއި ތަރިކައާއި އާދަކާދަތައް ރައްކާތެރިކޮށް ދަމަހައްޓާ އަންނަން އޮތް ޖީލުތަކަށް އެކަންކަން ފޯރުކޮށްދިނުން ކަމަށް ސަލީމް ވިދާޅުވިއެވެ. ދިވެހި ބަހުގެ މުއްސަނދިކަމާއި ދިވެހި ބަހުގެ ފުރިހަމަ ކަން ހާމަކުރައްވަމުން މީގައި ތަފާތު ޑައެލެކްޓްތައް ވެސް ހިމެނިފައިވާ ކަން ސަލީމް ވިދާޅުވިއެވެ.
ދިވެހިންގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ބިލެއް ހުށަހަޅާފައިވާ އިރު ކިތަންމެ ސަގާފީ ތަރިކައެއް ނެތިގެން ހިނގައްޖެ ކަމަށް ސަލީމް ވިދާޅުވިއެވެ. ރަށްރަށުގައި ހުރި މުހިއްމު އާސާރުތައް ވީރާނާވެ ހިނގައްޖެ ކަމަށާއި އެތަންތަނުގައި ހުރި މުހިއްމު ތަކެތި މާލެ ގެނެސް ހެއްދެވި ނެހެއްދެވި ގޮތެއް ނޭނގި ބައެއް ތަކެތި ގެއްލިގެން ހިނގައްޖެ ކަމަށްވެސް ސަލިމް ވިދާޅުވިއެވެ. އަދި މިފަދަ ތަންތަން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނީ ރަށު ފެންވަރުގައި ކަމަށާއި އަދި ރަށު ކައުންސިލުތަކަށް އެ ބިލުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ބާރާއި ވަސީލާތްތައްވެސް ތަނަވަސްކޮށްދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.