ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާލެއަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދު ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ޖަލްސާގައި މެޖިސްޓްރޭޓް ރާޣިބުއާ ބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތައް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާތީ، މި ދަނޑިވަޅުގައި މެޖިސްޓްރޭޓް ރާޣިބު މަސައްކަތަށް ނިކުންނަވާ ނަމަ އެ ކޮމިޝަނުގެ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ނިންމާ އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އެގޮތުން އޭނާ ސަސްޕެންޑް ކުރީ، ޖޭއެސްސީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ މުޅި ތަހުގީގު މަރުހަލާ ނިންމާ، ޖޭއެސްސީން މި މައްސަލަތަކާ މެދު ގޮތެއް ކަނޑައަޅަން ދެން ކަމަށް ޖޭއެސްސީން ބުނެއެވެ.

މެޖިސްޓްރޭޓް ރާޣިބުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅުމަށް ވެސް ޖޭއެސްސީ އިން ވަނީ ނިންމައިފިއެވެ.

މި ފިޔަވަޅު އެޅީ، މެޖިސްޓްރޭޓް ރާޣިބާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ބަޔާން ނަގަން ޖެހޭ ފަރާތްތަކުގެ ބަޔާން ނެގުމަށް ފަހު، މެޖިސްޓްރޭޓް ރާޣިބު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހުގައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ރާޣިބުގެ ޖުމްލަ އަށް ޝަކުވާ ބަލަމުން ދާކަމަށެވެ. އަދި މެޖިސްޓްރޭޓް ރާޣިބާ ބެހޭ ޝަކުވާތައް ތަހުގީގު ކުރަމުން ދަނީ ޖޭއެސްސީން އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.