ހަގީގަތާ ހިލާފު އަދި ތާރީހު އޮޅޭނެ ފަދަ ގޮތްގޮތަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ނުދެއްކެވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ. ހާޖަރާގޭ އަބުދުﷲ ލުތުފީގެ މައްސަލައާ ގުޅިގެން ޖަމީލު ވިދާޅުވީ، މި މައްސަލައަކީ ދިވެހި ދައުލަތުގެ އިސްތިގުލާލާއި އެތައް ދިވެހި އާއިލާއެއްގެ އިހުސާސްތަކާ ގުޅިފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި ހަގީގަތާ ހިލާފު އަދި ތާރީހު އޮޅޭނެ ފަދަ ވާހަކަ މަޖިލީހުގައާއި އެހެނިހެން ތަންތަނުގައިވެސް ނުދެއްކުމަށް ޖަމީލު ގޮވާލައްވާފައި ވެއެވެ.

މީގެ އިތުރުން މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވާ އިރު ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން ތެދުބަހުން ވާހަކަ ދެއްކެވުމަކީ މެންބަރުންގެ ޒިންމާއެއްކަން ޖަމީލު ހަނދާން ކޮށްދެއްވާފައި ވެއެވެ.

ލުތުފީގެ މައްސަލައަށް ރިއާއަތްކޮށް ޖަމީލު ވިދާޅުވީ އޭނާއަކީ ބޮޑު ހާއިނެއް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އޭނާ އަނބުރާ ރާއްޖެއަށް ގެނެސް، އޭނާގެ މައްޗަށް ހުކުމް ތަންފީޒުކޮށް، އޭނާ ފިލި މައްސަލަ ތަހުގީގުކޮށް، އޭނާއާއި އޭނާއާ އެކު އެ ކަމުގައި ޝާމިލުވާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނެވެންޖެހޭ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ލުތުފީ އަވަހަށް ރާއްޖެ ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި ހުށަހެޅުމެއް ހުށަހަޅާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ ލުތުފީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުން ފިލައިގެން ގޮސް ލަންކާގައި ހުރުމަށްފަހު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޭނާ ދިރިއުޅެމުންދާތީ އަދި އެމްބަސީތަކަކީ ސިފައިން އަދި ފުލުހުންނަށް ވެސް މީހުން ހައްޔަރުކޮށް ބޭތިއްބޭނެ ތަނަކަށް ނުވާތީ، އަދި މި މައްސަލަ ރާއްޖޭގެ އަދި އިންޓަނޭޝަނަލް ގާނޫނު ތަކުގެ އޮނިގަނޑަށް ނުފެތޭތީ، ވީ އެންމެ އަވަހަކަށް ލުތުފީ ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ، ލުތުފީއަކީ ބަލި ހާލު ދެރަ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އޭނާއަށް މައާފު ދޭން ޖެހޭ ކަމަށެވެ. މިހާރު ފިލައިގެން އުޅުނު ކަމުގައިވީ ނަމަވެސް އޭނާއަކީ 70 އަހަރު ވެފައިވާ މުސްކުޅިއެއް ކަމަށެވެ. ލުތުފީ ރާއްޖެ އަރާ ކުރި ކަންކަމަކީ ބޮޑު ކުށެއް ކަމަށް ގަބޫލު ކުރައްވާ ޝަރީފު ވިދާޅުވީ، އޭނާ އެކަމުގެ ހުކުމް ތަންފީޒު ކުރަމުންދާތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ.