ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގެ އެމްބަސީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވަމުންދާތީ އޭނާ އަވަހަށް ރާއްޖެ ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ. އޭނާ ވިދާޅުވީ ލުތުފީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުން ފިލައިގެން ގޮސް ލަންކާގައި ހުރުމަށްފަހު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޭނާ ދިރިއުޅެމުންދާތީ އަދި އެމްބަސީތަކަކީ ސިފައިން އަދި ފުލުހުންނަށް ވެސް މީހުން ހައްޔަރުކޮށް ބޭތިއްބޭނެ ތަނަކަށް ނުވާތީ، އަދި މި މައްސަލަ ރާއްޖޭގެ އަދި އިންޓަނޭޝަނަލް ގާނޫނު ތަކުގެ އޮނިގަނޑަށް ނުފެތޭތީ، ވީ އެންމެ އަވަހަކަށް ލުތުފީ ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ އޭނާ ރައްޖެ ގެނައުމަށްޓަކައި ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށާއި، އޭނާ ރާއްޖެ ގެނައުމަަކީ އުނދަގޫ ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި އޭނާ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވުމަށް ފަހު އެކަން ސިއްރު ކުރުމަކީ ސަރުކާރުން އޮޅުވާލި އޮޅުވާލުމެއް ކަމަށް އާދަމް ޝަރީފް ވަނީ ބުނެފައެވެ. މިއީ ވަރަށް ގިނަ ބައެއްގެ އިހުސާސްތަކާ ގުޅިފައިވާ މައްސަލައެއްކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، މިކަމަކީ އެހެން ސަރުކާރު ތަކުން ނުކޮށް އޮވެގެން އިސްކަމެއް ދީގެން ކުރާ މަސައްކަތެއްގެ ބަދަލުގައި މި މައްސަލައަކީ ރާއްޖޭގެ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ މައްސަލައެއް ކަމުން މިކަމަކީ ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކަށް ހަދަން ޖެހޭ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ހަމަކުރަންޖެހޭ ލިޔެކިއުންތައް ހަމަ ނުވެގެން ކަމަށާއި، އަދި ލުތުފީ ގެނެސް ކަރެކްޝަންސް އާ ހަވާލު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
މި ހުށަހެޅުމަކީ ސަރުކާރާ އިދިކޮޅު ޕީއެންސީގެ މެންބަރަކު ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ވީނަމަވެސް މި ހުށަހެޅުމަށް ތާއިދުކޮށް ސަރުކާރު ފަރާތުގެ މެންބަރުން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.