ފަނޑިިޔާރުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން 170 ފަނޑިޔާރުން ސޮއިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ޕެޓިޝަންގައި ހުރި މައްސަލަތަކާ ބެހޭގޮތުން ގޮތެއް ނިންމުމަށް އެ ކޮމިޝަނުން ފަނޑިޔާރުންގެ ޖަމިއްޔާއާއު ބައްދަލުކުރަން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ކަމާބެހޭ ކޮމިޓީން އެ މައްސަލައިގައި މަޝްވަރާ ކޮށްފައި ވާކަމަށެވެ. އަދި އެ މައްސަލަތަކަށް ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުންގެ ޖަމިއްޔާއާ ބައްދަލުކުރަން މިއަދުގެ ވަގުތެއްގައި ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ފަރާތުން ޕެޓިޝަނެއް ޖޭއެސްސީއަށް ހުށަހެޅީ މީގެ ހަތަރު މަސް ކުރިންނެވެ. އަދި އެ ޕެޓިޝަންގެ ކޮޕީއެއް އޭރު ކޮމިޝަންގެ ހުރިހާ މެންބަރުންނަށް ދިން ނަމަވެސް، ފަނޑިޔާރުންގެ ކަންބޮޑުވުންތައް ބަލާފައި ނުވެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އަކީ 2008 ވަނަ އަހަރު ފަނޑިޔާރުން ތަކެއް އިސްނަގައިގެން އުފެއްދި ޖަމިއްޔާއެކެވެ.

ފަނޑިޔާރުންގެ ކަންބޮޑުވުން ތަކާއެކު ހުށަހެޅި ޕެޓިޝަންގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައި ފަނޑިޔާރުންގެ ޖަމިއްޔާއާއި ބައްދަލުކުރަން ނިންމި އިރު، ޖޭއެސްސީން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި، ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ.