ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސް މޭސްތިރި ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަނީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ލުތުފީ އެމްބަސީއަށް ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ކަމަށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނިކޮށެވެ.

މަޖިލިސް ކުރާ ގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ލުތުފީ އަމިއްލައަށް ސަރެންޑަރު ކުރީ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރަށް ކަމަށެވެ. އަދި އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް ކަމަށެވެ.

"ލުތުފީ އަމިއްލައަށް ގޮސް ސަރެންޑަރު ކުރީ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް. އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސިލޯނުގައި ނުވަތަނެއްގައި ބޮންގޮއްވީ. އަދި ލަންކާ ސަރުކާރު އޮތީކީ ފަސޭހައިން އެހެން ގައުމަކާ މުއާމަލާތްކުރެވޭ ގޮތަކަށް ނޫން. އެއީ އަޅުގަނޑުމެންނަށް އުނދަގޫވެފައި ދިޔަ ދަނޑިވަޅެއް ކުރިއަށް ދިޔަ 10 ވަރަކަށް ދުވަހު ލަންކާ ސަރުކާރާއެކު މަސައްކަތް ކުރަން."
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ލުތުފީގެ މައްސަލަ ސޯޝަލް މީޑިއާގައި ހާމަވެ، ދިވެހި ސަރުކާރުން އެކަމާ ބަހެއް ބުނެފައިވަނީ ވެސް އެ މައްސަލަ ހޫނުވެގެންނެވެ. އަދި ދިވެހި ސަރުކާރުން ހާމަ ކުރީ ލުތުފީ ގެނައުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ނަޝީދު ވިދާޅުވީ ލުތުފީ އަނބުރާ ރާއްޖެ ގެނެވޭނެ ކަމަށެވެ. ލުތުފީ ރާއްޖެ އެނބުރި ނުގެނެވި ލަސްވާ މައްސަލައިގައި ނަޝީދު ވިދާޅުވީ މީހަކު ރާއްޖެއިން ބޭރަށް ގޮސް ފިލީމައި، އެމީހަކު އަނބުރާ ގެނައުމަކީ ދިވެހި ދައުލަތުން ވަރަށް މަދު ފަހަރެއްގައި ނޫނީ ނުކުރެވޭ ކަމެއް ކަމަށެވެ. އެކަމަށް މިސާލު ޖައްސަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ރާއްޖެ ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާއަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވެ ވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު ގެންނަން މީގެ ކުރިން އޮތް ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރި. ނަމަވެސް އެކަމެއް ވެސް ކާމިޔާބެއް ނުކުރެވުނު. އަޅުގަނޑުމެންނަށް ސާފުވާން އެބަޖެހޭ އަދި އިނގެން ޖެހޭ ލަންކާއަކީ ޔޫއެންގެ އެތައް އެތައް ޗާޓަރެއްގައި ސޮއިކޮށްފައިވާ ގައުމެއް،"
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރާއި ސިލޯނު ސަރުކާރާއި ގުޅުން ރަނގަޅު ކަމަށާއި، ދިވެހި ސަރުކާރާއި ސިލޯނު ސަރުކާރާއި ވާހަކަ ދައްކައިގެން އަދި އދ އާ ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް ލުތުފީ މާލެ ގެނެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ލުތުފީގެ މައްސަލަ ގުޅިފައި ހުރީ ދިވެހިންގެ ހިތްތަކުގައި ވަރަށް ހިތާމެވެރި އެތައް އެތައް ހާދިސާއެއް ހިނގައިދިޔަ ކަންކަމާ ކަމަށެވެ. އަދި ކިތަންމެ ބައެއްގެ މަރާއި އެތައް ބަޔެއްގެ ދައްޗާއި ކިތަންމެ ބައެއްގެ ބިރުވެރިކަމާއި އެތައް ތަކުލީފަކާއި ލުތުފީއާއި ގުޅިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލުތުފީ މާލެ ގެނައުމަކީ ހުރިހާ ސަރުކާރަކުން ވެސް ކޮންމެހެން އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލުތުފީ މާލެ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވިއެވެ.