ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާލެއަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދުގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ކ. ތުލުސްދޫގައި މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ރާޣިބުގެ ޖުމްލަ އަށް ޝަކުވާ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި މެޖިސްޓްރޭޓް ރާޣިބާ ބެހޭ ޝަކުވާތައް ތަހުގީގު ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީން ދަނީ މެޖިސްޓްރޭޓް ރާޣިބުގެ އިތުރުން، ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ. އެގޮތުން، ޖޭއެސްސީން މައްސަލަ ބަލަމުންދާ ފަނޑިޔާރުންނާއި ގާޒީންގެ ތެރޭގައި، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު، ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ އިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ގޮތުން ޖޭއެސްސީން ބުނީ، ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގު ދެމިގެން ދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާތީ އެ މައްސަލަތައް ލަސްވާން ދިމާވާ ސަބަބުތައް ދެނެގަނެ، އެއީ ފަނޑިޔާރުގެ މައްސަލަ އެއް ނަމަ، އެއީ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، އެންމެ ފުރަތަ ފަށާނީ ކްރިމިނަލް ކޯޓުން ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.