ގާކޮށި އަދި އަރަބިއްޔާ ފްލެޓުތަގުގެ ދޮތުތަކުގެ ބިއްލޫރި ހޫނުވެ ތަޅައިގެން ދާތީ އެކަމަށް ސަމާލު ވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޗްޑީސީ އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޑީސީ އިން މިކަމަށް އިލްތިމާސް ކޮށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ ކުރީގެ އަރަބިއްޔާ ސުކޫލާއި ގާކޮށި ހުރި ތަނުގައި އިމާރާތްކޮށްފައި ވާ ފްލެޓު ތަކަކީ އެތަން އިމަރާތްކުރި ޓާޓާ ކުންފުނިން ފަރުވާ ކުޑަކޮށް، އިމާރަތް ކުރުމުގެ މިންގަނޑަށް ނުފެތޭ ގޮތަށް އިމަރާތްކޮށްފައިވާ ތަނެއް ކަމަށާ، އެކަމުގެ ސަބަބުން ހޫނުވެ ފްލެޓުތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތެޅެމުން، އަދި ރެނދު ލަމުން ދާކަމުގެ ޝަކުވާ ފްލެޓުތަކުގައި ދިރިއުޅެމުންދާ އާންމުންގެ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ހުށަހަޅަމުން ދާކަމަށެވެ.

އަދި އިއްޔެގެ ވަގުތެއްގައި "މާލެ ގްރޭންޑު"ގެ ހަވަނަ ފަންގި ފިލާގެ ކުޑަދޮރެއްގައި ޖަހައިފައި ހުރި ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން އެ ބިއްލޫރިތައް މަގުމައްޗަށް ފޭބި މައްސަލައެއް ވަނީ ހުށަހަޅާފައި ކަަމަށާ މީގެ ކުރިންވެސް ބިއްލޫރި ގަނޑުތައް ތަޅައިގެން ދިއުމުގެ މައްސަލަތައް އެ ކޯޕަރޭޝަނަށް އެކި ފަހަރުމަތިން ހުށަހަޅާފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީ އިން ބުނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން ދާކަމަށާ، މި މައްސަލަ ހައްލު ވަންދެއް މި ފްލެޓު ތަކުގައި ދިރިއުޅޭ ފަރާތްތަކުންނާއި އާންމުން މިކަމަށް ރައްކާތެރި ވުމަށް އިލްތިމާސް ކުރާކަމަށެވެ.