މާލޭގެ ފަޅުގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ހޯދައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1 ޖެހި އިރު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް މަގުމަތިން ދިޔަ 42 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން މަޑުކުރަން އެދުމުން ފުލުހުންގެ ބަހަށް ކިޔަމަން ނުވެ ހެންވޭރުގައި ހުރި ފަޅުގެއަކަށް ވަނުމުން އޭނާގެ ފަހަތުން ގޮސް އެގެ ބަލާ ފާސްކޮށްފައި ވާކަމަށެވެ.

އެގޮތުން ބެލި ބެލުމުން ގިނަ އަދަދެއްގެ ބަނގުރާ އަދި މަސްތުވަތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ތަކެއް އެ ގޭގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ތެރޭގައި 11 ފުޅި ބަނގުރަލާއި، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި 17 ރަބަރު ޕެކެޓާއި، 13 ސެލޯފިން ކޮޅާ އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޓިޝޫ ގަނޑެއް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ބަނގުރާ ހުސްކުރި 15 ފުޅި އެގޭގެ ތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަަމަށާއި، މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ބަލަމުންދާކަމަށެވެ.