ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި، މާލޭ ރަސްފަންނު ސަރަހައްދުގައި ގާއިމު ކުރުމަށް ހަމަޖެއްސި ކޮރަލް ބޮލެވާޑް ޓަވަރުތައް ހުޅުމާލޭގައި އެޅުމަށް 129،000 އަކަފޫޓުގެ ބޮޑު ބިމެއް ދޫކޮށްފައި ވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ ޓަވަރުތައް ގާއިމް ކުރުމަށް ބިން ދޫކޮށްފައި ވާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ކަމަށެވެ. އަދި މީގެ ކުރިން މާލޭގައިވެސް ކޮރަލް ބޮލެވާޑުގެ ޓަވަރުތައް ހަދަން ހަމަޖެހިފައި ވަނީ މޫދު ފެންނަ ސަރަހައްދެއްގައި ކަމުން ހުޅުމާލެއިން އެ ޓަވަރުތައް ގާއިމް ކުރުމަށް ދޫކުރި ބިމަކީ މޫދު ފެންނަ ސަރަހައްދެއް ކަމަށާ އެހެން ކަމުން ޓަވަރުތަކުގެ ޑިޒައިނަށް މާބޮޑު ބަދަލުތަކެއް ގެނައުމަށް ކޮރަލް ބޮލެވާޑުން ނިންމާފައި ނުވާކަމަށް ވެސް މިނިސްޓަރު އާތިފާ މައުލޫމާތު ދެއްވިއެެވެ.
އެ ޓަވަރުތައް ގާއިމް ކުރުމަށް ހާވާލު ކޮށްފައި ވަނީ ޗެންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. މި ޓަވަރުތަކުން ފުލެޓު ގަތުމަށް ޑައުން ޕޭމަންޓް ދެއްކި ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން ހަބަރެއް ނުވާކަމަށް ބުނެ ދެކެވޭ ވާހަކަ ތަކާގުޅިގެން މިނިސްޓަރު ވިދާޅުވީ، އެފަދަ މައްސަލައެއް މިހާތަނަށް ހައުސިން މިނިސްޓްރީ އަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ މިނިސްޓްރީއަށް އެކަން އެންގުމުން ޗަންހުވާ ކުންފުނުޏާ މަޝްވަރާ ކުރުމަށް ފަހު މައްސަލަ ހުށަހެޅި ފަރާތަށް އަންގާނެ ކަމަށްވެސް މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.
ކޮރަލް ބޮލެވާޑް ޓަވަރުތަކަކީ 28 ފަންގިފިލާއަށް 4 ޓަވަރު ބިނާ ކުރުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއެކެވެ. މި ޓަވަރުތައް މާލޭގެ ރަސްފަންނުގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވަނިކޮށް މި ސަރުކަރުން މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ނުހިންގުމަށް ނިންމައި ހުޅުމާލޭގައި މި މަޝްރޫ އަލުން ފެށުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަށް މާލޭގެ ރަސްފަންނު ސަރަހައްދުން ދޫކުރީ 70،000 އަކަފޫޓުގެ ބިމެކެވެ. އެހެން ނަމަވެސް މި މަޝްރޫއަށް ހުޅުމާލެއިން ވަނީ މި ބިމަށްވުރެ ގާތްގަނޑަކަށް ދޮޅު ގުނަ ބޮޑު ބިމެއް ދޫކޮށްފައެވެ.
ކޮރަލް ބޮލެވާޑް ގެ ޓަވަރު ތަކަކީ 350 އެޕާޓްމެންޓާ ޝޮޕިން މޯލް އެއްގެ އިތުރުން ކުޅިވަރު ކުޅެވޭގެ ޕްލޭ ގްރައުންޑަކާއި ޕާކިން އެރިއާއެއް ހިމެނޭގޮތަށް އިމާރާތްކުރާ 4 ޓަވަރެވެ.