ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲގެ މައްސަލައިގެ ތަފްސީލުތައް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަަރީފް އާންމު ކުރެއްވިލެއް ބޮޑުކަމުން ގިނަ ބައެއްގެ ފާޑު ކިއުން ދަނީ ޝިދާތާއަށް އަމާޒުވަމުންނެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އުމުރުން ހަތަރު އަހަރުން ފެށިގެން ކުށުގެ ވެށީގައި ޝައިމް އުޅުމަކީ އޭނާގެ މައްސަލަ އިތުރަށް ނާޒުކުވާ ކަމެއް ކަމަށާއި، ޝައިމް ކޮންމެ ތަނެއްގައި ހުއްޓަސް، މިއީ އޭނާ އިހްތިޔާރު ކުރި ކަމެއް ނޫން ކަމަށެވެ. އަދި ޝައިމްގެ މައްސަލަ އަކީ ނާޒުކު މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތަފްސީލަކީ ހާމަ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. އީވާ މިހެން ވިދާޅުވީ، ޝައިމްގެ މައްސަލައިގެ ތަފްސީލް މިނިސްޓަރު ޝިދާތާ އާންމުންނަށް ހާމަ ކުރެއްވުމާ ގުޅިގެންނެވެ.

އީވާ މިހެން ވިދާޅުވުމާ ގުޅިގެން ބައެއް އާންމުން ވަނީ ޝިދާތާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ވަޒީރަކު ކުރަން އެކަށީގެން ނުވާފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައިވާ ތަނަކީ މަޖިލިސް ކަމަށް ވުމުން އެކަން ކުރުމަށް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އާމިނަތު ނާދިރާ ވަނީ، ކޮންމެ ކުޑަ ކުއްޖެއްގެ ވެސް ހައްގުތަކެއް ވާ ކަމަށާއި، ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ބަދަލުގައި މުޅި ހިސްޓްރީ ޕަބްލިކަށް ހުޅުވާލުން ގޯސް ކަމަށް ވިދާޅުވެފައެވެ.

ޝައިމް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެންޑާ މިނިސްޓްރީ އަށް އޭނާގެ އެކި މައްސަލަތައް ހުށަހެޅެމުންދާ ކުއްޖެކެވެ. އެގޮތުން، ދެފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ޝައިމް ގެންގުޅެފައި ވާއިރު، މިމަހު ތިން ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އޭނާ ކުށުގެ ވެހީގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް، މިމަހު 18 ވަނަ ދުވަހު އޭނާ ވަނީ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ގޮސްފައެވެ.

ޝައިމް ގެއްލިގެން އުޅޭކަމުގެ ހަބަރުތައް ސޯޝަލް މީޑިއާގައި އާންމުވުމުން، ޝައިމް އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ޖެންޑާ މިިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން، ޝައިމް ގެއްލުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށާއި، އެ މިނިސްޓްރީގެ އިހުމާލުން ކަމަށް މިނިސްޓްރީން އެއްބަސްވިއެވެ.