އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރަކުން ބަންދު ނުކުރާނެ ކަމަށެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ރައްކާތެރި ކުރުމަށާއި، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ، ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހެދުމަށް ބަހުސް ކުރައްވާފައެވެ.
އެމްއެންޔޫގެ ދަށަށް އައިޔޫއެމް ބަދަލުކުރުމަށް ހުށަހެޅި އިސްލާހަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ، އަދި އަދާލަތު ޕާޓީ އިން ވެސް ވަނީ ތާއިދު ނެތް ކަން ހާމަ ކޮށްފައެވެ. މީގެ އިތުރުން، މި ދެ ޔުނިވާސިޓީ އެއްކޮށްލަން އުޅޭ އުޅުމަށް އިދިކޮޅު ޕީއެންސީގެ އިސްވެރިން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ދެ ކޮލެޖު އެއްކޮށްލަން އުޅޭ އުޅުމަކީ އެމްޑީޕީ ސަރުކާރުން އިސްލާމްދީން ރާއްޖެއިން ނެތިކޮށްލުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ.