ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު އަދި ކ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ، މިބޭފުޅުންނާ ގުޅޭ ގޮތުން ބަލާ މައްސަލަ ތަކުގެ އަދަދު 20 އަށް އަރައެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ ތިން ޝަކުވާއެއް މިއަދު ޖޭއެސްސީން ބަލަން ނިންމާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީއަކާ ބެހޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ ވާހަކަ ޖޭއެސްސީން ބުނެފައި ވާއިރު، އެއީ ހަސަން ނަޖީބުގެ ވާހަކަ ކަމަށާއި، އޭނާގެ ޖުމްލަ ހަތް ޝަކުވާ ޖޭއެސްސީން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު އާ ބެހޭގޮތުން ހުށަހެޅިފައިވާ ހަތަރު ޝަކުވާއެއް ބެލުމަށް ޖޭއެސްސީން މިއަދު ނިންމާފައި ވާއިރު، އޭނާއާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތައް ހިމެނޭ ކަމަށް ޖޭއެސްސީން ބުނެއެވެ. އެ ކޮމިޝަނުން ބުނީ މެޖިސްޓްރޭޓް ޝުކޫރުގެ ޖުމްލަ ފަސް ޝަކުވާއެއް އެ ކޮމިޝަނުން ބަލަމުން ދާ ކަމަށެވެ.

ޖޭއެސްސީން ބުނީ ކ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ބެހޭ ޝަކުވާ މިއަދު ކޮމިޝަންގެ އެޖެންޑާގައި އޮތް ކަމަށާއި، އެ މައްސަލަ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު ތަހުގީގު ކުރާ ކޮމިޓީއަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި މެޖިސްޓްރޭޓް ރާޣިބުގެ ޖުމްލަ އަށް ޝަކުވާ އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ހަސަން ފަހީމް އިބްރާހިމް އާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ކޮމިޝަނަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ އެއް އެ ކޮމިޝަނުން ބަލަން ނިންމާފައިވާ ކަމަށާއި، މި ޝަކުވާ ބެލުމަށް ތިން މެންބަރުންގެ ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސން ބުނެއެވެ. މި މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި މެންބަރު އަބްދުލް ރައުފް އިބްރާހިމްގެ އިތުރުން ނައިބު ރައީސް މަސްތޫރު ހުސްނީ އަދި މެންބަރު ހިސާން ހުސެއިން ހިމެނެއެވެ.

ޖޭއެސްސީން ހާމަ ކުރި ނޫސް ބަޔާނުގައި ބުނީ، ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްދެއްވުމަށް ސުޕްރީމް ކޯޓުން އެދިފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ސިވިލް ކޯޓަށް ބަދަލު ކުރުމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށާއި ކޮމިޝަނުން ތަހުގީގު ކުރަމުންދާ ފެމިލީ ކޯޓުގެ އިސް ގާޒީގެ މައްސަލަަ ވަކި ގޮތަކަށް ނިމެންދެން ގާޒީ ނަޝީދު ސިވިލް ކޯޓަށް ބަދަލު ކުރުން މަޑު ޖައްސާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޓީގެ ދެ މެންބަރުން ކަމުގައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އިސްތިއުފާ ދެއްވި ކަމަށް ބުނެ ދައުރުވާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ، ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގު ދެމިގެން ދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އަދި މި މައްސަލަތައް ލަސްވާން ދިމާވާ ސަބަބުތައް ދެނެގަނެ، އެއީ ފަނޑިޔާރުގެ މައްސަލަ އެއް ނަމަ، އެއީ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކަމަށް ބަލާ ކޮމިޝަނުން ބަލަން ނިންމާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، އެންމެ ފުރަތަ ފަށާނީ ކްރިމިނަލް ކޯޓުން ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.