މިއަދު ފެންނަމުން މިދަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ދެމޭ ރަބަރެއް ގޮތަށް ދަމާލައިގެން ބޭނުން އެއްޗެއް ހަދަމުންދާ މަންޒަރުކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާފައި ވާކަމަށް ބުނާ ޖަރީމާތައް ބެލުން އަވަސް ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީއާ އަދި އެ ގާނޫނު އަސާސީގެ ދަށުން ހެދިފައި ހުރި ގާނޫނުތަކަށް ބޭނުން އެއްޗެއް ހަދަމުންދާ މަންޒަރު މިއަދު ފެނިވަޑައި ގަންނަވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ހެދިފައިހުރި ކޮންމެ ގާނޫނަކީ ދިވެހި ރައްޔިތުންނަށް އިންސާފު ލިބިދިނުމަށް ހެދިފައި ހުރި ގާނޫނުތައް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އިންސާފުވެރި ކަމަކީ ހަމައެކަނި މީހަކު ޖަލަށް ލީމައި ލިބޭ އެއްޗެއް ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައި ވާކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު މިތިބީ އިންސާފު ބޭނުންވެފައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ދާއިރާ ތަކަށް ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ނުލިބި ލަސްވެ އަހަރު ދުވަހާ ގާތަށް ދާއިރު އެރައްޔިތުން ގާތަށް ގޮސް ވީ ވައުދުތައް ނުފުއްދި ދިއުމަކީ ވެސް އެއީ އެ ރައްޔިތުން އިންސާފުން އެއްކިބާ ކުރުން ކަމަށެވެ.
ޝިޔާމް ވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީގައި ހަތް ހަފްތާ ވަންދެން ހުރި މައްސަލަ ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާތީ އެކަމާ ފާޑުވިދާޅުވެ މިއީ ސަރުކާރުން އިންސާފު ހޯދައިދޭ ގޮތްތޯ ސުވާލު އުފައްދަވާފައެވެ.
ޝިޔާމް ވިދަޅުވީ އިންސާފާއި، ނަޒާހަތްތެރިކަމާއި، ހައްގު މިންވަރު އަދި އަނިޔާވެރިކަން މިއީ ބަޔަކު ވަރަށް ދުލަށް ފަސޭހަކޮށް ބޭނުންކުރާ ބަސްތަކެއް ކަމަށާއި، މިއީ ވަކި އޮޑިއެއްގައި ތިބޭ ބަޔެއްގެ އަމިއްލަ ބަސްތަކެއް ކަމަށް ހަދައިގެން ބައެއް މީހުން އުޅޭ ކަމަށެވެ. ނަމަވެސް އަދިވެސް އެމީހުން [އެމްޑީޕީ] އުޅެނީ މި ބަސްތަކުން ނެއްޓެން ނޭނގިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަޖައިބްވެއްޖައިން މީގެ ކުރިންވެސް ގާނޫނު އަސާސީ މޮޑުނީ ކަލޭމެން. ބޭނުން ގޮތަކަށް ބޭނުން ސައިޒަކަށް މިހާރުދެން ކޮން ވާހަކައެއް ތި ދައްކަނީ