ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ. މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. ފަނޑިޔާރު ރަޝީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ އޭނާގެ ސުލޫކީ މައްސަލައެއް ބަލާ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް އެކަން ހުށަހެޅުމުންނެވެ. އަދި އޭނާ މަގާމުން ވަކިކުރަން ނިންމީ އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ ހަޑި ހުތުރުބަހުން އެއްޗެހި ގޮވި މައްސަލައިގައެވެ.

މިއީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ހަޔާތުގައި ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަކީ ގާނޫނު އަސާސީން ހަމައެކަނި ޖޭއެސްސީއަށް މަތިކޮށްފައިވާ ޒިންމާ އެކެވެ. އަދި ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ.

ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ގދ. ތިނަދޫ ރޭވިލާގެ މުހައްމަދު ލަތީފެވެ. މި ޝަކުވާގައި މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ސެޕްޓެމްބަރު 4، 2013 ގައި ނިންމުމެއް ނިންމާފައިވާތީ، ފަނޑީޔާރު ރަޝީދާ ގުޅޭގޮތުން ތަހުގީގު ކުރެވިފައިވާ ޝަކުވާއެއް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ސުލޫކަކީ ވަކި ހުދޫދެއްގެ ތެރޭގައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިި ލާޒިމު ކޮށްފައިވާ ހިނދު އެއްވެސް އާންމު ފަރުދަކު އެއްވެސް މީހަކާ ދިމާލަށް މުހާތަބުކޮށްގެން ނުވާނެ ފަދަ ބޭއަދަބީ އަދި ހުތުރު ބަސްތަކެއް މެޖިސްޓްރޭޓަކު އާންމު ފަރުދަކާ ދިމާލަށް ކިޔައިފިނަމަ މިއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށް ބެލެވޭނެކަމަށް ބުނެފައިވެއެވެ.

އަދި މި ޝަކުވާއާއި ގުޅިގެން ތަހުގީގު ކޮމިޓީގެ ހެކިތަކަށް ރިއާޔަތްކޮށް ބަލާއިރު، ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މައްޗަށް ހުށަހަޅާފައިވާ މި ޝަކުވާ ސާބިތުވާކަމަށް ތަހުގީގުކުރި ކޮމިޓީގެ އިއްތިފާގުން ނިންމާފައިވެއެވެ.