ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމަކީ، މުޅި ނިޒާމު ސިޔާސީ ކޮށްލުމުގެ ފަހު ފިޔަވަޅު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑީޖޭއޭ ބަދަލުކުރަން ރައްޔިތުންގެ މަޖިލިހަށް އިއްޔެ ބިލެއް ހުށައަޅާފައި ވަނިކޮށެވެ. މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ޖަމީލު ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ އިރު ޑީޖޭއޭ، ޖޭއެސްސީގެ ބައެއްގެ ގޮތުގައި ހެދުމަކީ، މުޅި ޝަރުއީ ނިޒާމު ސިޔާސީ ކޮށްލަން އަޅާ ފަހު ފިޔަވަޅު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި ޖުޑިޝަރީ އިސްލާހު ކުރަން ކުރެވޭ މަސައްކަތަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"މިއަށްވުރެ [ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިއުމަށް] ވުރެ މާ މުހިއްމު މަސައްކަތް އެބަހުރި. އެންމެ މުހިއްމު އެއް ކަމަކީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުން،"
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޝަރުއީ ދާއިރާގެ އިދާރީ އޮނިގަނޑަށް ގެންނާނެ އެއް ބަދަލެއްގެ ގޮތުގައި "އެޖެންޑާ19" ގައި ބުނެފައި ވަނީ ޑީޖޭއޭ ހަމަޖައްސާނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސިރާޖް ހުށަހެޅުއްވި އިސްލާހުގައި ވަނީ ޑީޖޭއޭ ސީދާ ޖޭއެސްސީގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.

ސަރުކާރުން ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތަށް ރައްޖޭގެ ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.