ސަރުކާރަށް 7 މަސް ވެގެން ދިޔަ އިރު ބޭނުންވާ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރިފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ނުބެލި ގިނަ ދުވަސް ވަމުންދާތީ އެކަމާ ބަހުސް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ސަރުކާރުން ވައުދު ތަކާއި އެއްގޮތަށް ކަންކަން ކުރެވެމުން ދާކަމަށް ބުނަނީ ހަމައެކަނި އެމްޑީޕީއަށް ތާއިދު ކުރާ ރައްޔިތުންގެ ކަންބޮޑުވުން ތަކެއް ހުރުމާއެކު އެމީހުންގެ ހިތްހަމަ ޖައްސާލުމަށް ޓަކާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، 7 މަސް ދުވަސް ވެގެން ދިޔަ އިރު ކުރީގެ ސަރުކާރުގެ އެހާ ގިނަ މައްސަލަތަކެއް ހުރިކަން އެނގި އެކަންކަން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ.

އަދި މިއަދުގެ ހުށަހެޅުމާ އެއްކޮޅަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީ ގެ މައްސަލަ ފަދަ ބޮޑެތި ހިޔާނާތުގެ މައްސަލައާ، އަދި އެހެނިހެން މައްސަލަތަކަކީ ވެސް ބެލެން ޖެހެނެ މައްސަލަތަކެއް ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، މިއަދު މަޖިލީހަށް ހުށަހަޅާ ބަހުސް ކުރެވެމުންދާ ކުއްލި ހުށަހެޅުމަކީ މަޖިލީހުގެ ގަަވައިދާ ހިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކުއްލި ހުށަހެޅުމަކީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށެވެ.