ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވާފައިވާ މުއްދަތު، ބޭސްފަރުވާގެ އެންމެހާ ކަންކަން ފުރިހަމަ ނުވާތީ އިތުރު ކޮށްދީފައިވާ ކަމަށެވެ. އެއީ ކެންސާ ސްކްރީނިން ޓެސްޓެއް ހެއްދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާތީ އެކަން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

އަދީބާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އިންޑިއާއަށް ވަޑައިގަތީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދީބު އާއިލާއިން ބުނާ ގޮތުގައި އޭނާ އިންޑިއާއަށް ވަޑައިގެންފައި ވަނީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ފަރުވާ ހޯއްދެވުމަށްޓަކައެވެ. އަދި މި ބައްޔައް ރާއްޖެއިން އިތުރަށް ފަރުވާ ދެވެން ނެތް ކަމަށް އައިޖީއެމްއެޗުން ބުނެފައި ވާކަމަށްވެސް އެ އާއިލާއިން ވަނީ ބުނެފައެވެ.

އަދީބު ބޭސް ފަރުވަ ނިންމެވުމަށް ފަހު މިމަހުގެ 26 ގައި މާލެ ވަޑައިގަންނަވަން ކުރިން ހަމަޖެހިފައި ވާއިރު މި މުއްދަތަށް ވަނީ އިތުރު 10 ދުވަސް އިތުރުކޮށްފައެވެ. މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ އޮފިސަރުން ބައިވެރިވެއެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް އުފުލި ދައުވާ ތަކުގައި 33 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ހުކުމެއް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އަދީބު އިންޑިއާއަށް ވަޑައިގެންނެވި އިރު އޭނާގެ މައްޗަށް އޮތީ ކޯޓުގެ ހުރުމަތް ކަނޑުއްވައިގެން އައިސް އޮތް 15 ދުވަހުގެ ހުކުމެކެވެ.