ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ދައުރުގައި ހއ. ދިއްދޫގައި ގާއިމް ކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ފްލެތްތަކަށް އެދުމަށް އިއުލާން ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެރަށުގެ ކައުންސިލަށް އަންގައިފިއެވެ.
އޭސީސީ އިން ބުނީ އަލުން ދޫނުކޮށް ބާކީ ހުރި ފްލެޓުތަކަށް އެދުމަށް އިއުލާން ކުރުމަށް ދިއްދޫ ކައުންސިލަށް އަންގާފައި ވަނީ އެ ފުލެޓުތައް ވަކި ފަރާތްތަކަކަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަކާ ގުޅިގެން ކަމަށެވެ.
އެސީސީ އިން ބުނީ ހައުސިން މިނިސްޓްރީ އިން 2015 ވަނަ އަހަރު ފުލެޓަށް އެދުމަށް ކުރި އިއުލަން ބާތިލް ކޮށް، ހަމަ އެ އިޢުލާނާ ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބާކީހުރި ފުލެޓް ދޭގޮތަށް ހަމަޖައްސާފައި ވާކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައި ވާކަމަށާ އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭން ކަމެއް ކަމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށެވެ.
ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރި ފުލެޓުތަކުގެ ތެރެއިން 140 ފްލެޓު ދޫކުރުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން 19 އެޕްރީލް 2015ގައި އިޢުލާންކޮށް، އެ އިޢުލާނާ ގުޅިގެން ދޫކުރުމަށް ހަމަޖެއްސި ފުލެޓުތައް ދޫކޮށް އެ ޕްރޮސެސް ނިމިފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެސީސީ އިން ވަނީ ބުނެފައެވެ.
އަދި ބާކީހުރި ފުލެޓުތަކުގެ ތެރެއިން 100 ފުލެޓު ދޫކުރުމަށް 30 ޖުލައި 2018 ގައި ހައުސިން މިނިސްޓްރީ އިން އިޢުލާންކޮށް އެ އިޢުލާނާ ގުޅިގެން އެކަމަށް އެދި ގިނަ ބަޔަކު ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އޭސީސީ އިން ބުނެއެވެ.
އެހެން ކަމުން 2018 ގައި ކޮށްފައިވާ އިޢުލާން ބާތިލުކޮށް، ބާކީހުރި ފުލެޓުތައް ދޫކުރާނެ އުސޫލަކާއި ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތަށް، މިހާރު އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް، އަލުން އިޢުލާން ކޮށްގެން އެކަން ކުރިޔަށް ގެންދިޔުމަށް ދިއްދޫ ކައުންސިލްގެ އިދާރާއަށް އެސީސީ އިން އިއްޔެ ވަނީ އަންގާފައެވެ.