ސުޕްރީމް ކޯޓުން ފަހު ބަސް ނުހޯދާ ފަނޑިޔާރުން ވަކިކުރަން މެންބަރުން ތާއިދު ކޮށްފިއެވެ.

މެންބަރުން މިގޮތަށް ތާއިދު ކުރުމަށް ނިންމީ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ނިންމާފައި ވާތީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

ސުޕްރީމް ކޯޓުން ފަހު ބަސް ބުނާ ގޮތަށް ހެދީ، ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމެއްގައެވެ. މި ހުކުމުގައި ބުނެފައިވަނީ މިނިސްޓަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މި މައްސަލަ މިހެން އޮތް ނަމަވެސް، ގާނޫނު އަސާސީގައި ވަނީ އިތުބާރު ނެތް މައްސަލަތައް މަޖިލީހުން ފާސް ކުރާ ހިސާބުން އެމީހަކު މަގާމުން ވަކިވާނެ ކަމަށެވެ.

މިއަދު މަޖިލީހުގައި ބަހުސް ކުރަމުންދާ ގދ. ތިނަދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު އެ މަގާމުން ވަކި ކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފަައިވާ މައްސަލައައި ގުޅޭގޮތުން ރިޔާސަތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން މެޖިސްޓްރޭޓަކު މަގާމުން ވަކި ކުރިޔަސް 2017 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމެއްގައިވާ ގޮތުން އެ ނިންމުމުގެ ސައްހަ ކަން ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.

"ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކި ކުރުމުގެ އިޖުރާއާތްތައް ފުރިހަމަ ކުރަން ޖޭއެސްސީން ވަނީ ހަތް އަހަރު ހޭދަކޮށްފައި. އެއީ ވަރަށް ރަނގަޅަށް ކޮށްފައިވާ މަސައްކަތެއް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވާނީ ނިންމާފައި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް އިހުތިރާމް ކުރަމުން އަދި އެ ކޯޓަށް އިލްތިމާސް ކޮށްފައި އެ ކޯޓުން އިހުތިސޯސްތަކުން ބޭރު ނުވުމަށާއި އެހެން އިދާރާތަކުގެ ބާރުތަކަށް އަރައި ނުގަތުމަށް،"
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މި މައްސަލައިގައި ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓުން ފަހު ބަސް ނުބުނެ މަޖިލީހުން އިތުބާރުނެތް މައްސަލައިގައި ގޮތް ނިންމުމުން، އެ ހިސާބުން އެ މައްސަލަ ނިމޭނެ ގޮތަށް ހެދުމަށް ބަހުސް ކުރައްވާފައެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ބެލުމެއް ނެތި ފަނޑިޔާރުން ވަކިކުރުން ކުރިއަށް ގެންދިއުމަށް މެންބަރުން ވަނީ ބަހުސް ކުރައްވާފައެވެ.

މި މައްސަލައިގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޒާޒު ފަހުމީ ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެފައެވެ. އަދި އެ ކޯޓުން މަސައްކަތް ކުރަމުން ދަނީ ހުރިހާ މުއައްސަސާއެއްގެ މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވެ، އެ ކޯޓު އިހުތިސޯސުން ބޭރު ނުވުމަށް އިމްތިޔާޒު ވަނީ ގޮވާލައްވާފައެވެ.