ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތާ ގުޅުނު ހަނގުރާމަވެރިންގެ އާއިލާތަކަށް ނިސްބަތްވާ އެތައް ހާސް ބަޔަކު، އެމީހުން ނިސްބަތްވާ އަމިއްލަ ވަޒަނަށް އަނބުރާ ގެންދިއުމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސްވެރިޔާ މިޝޭލް ބެޝެލެޓް، ގައުމުތަކަށް ގޮވާލައްވައިފިއެވެ.

ސުވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ހޫނު މޫސުމުގެ ދައުރު ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ބެޝެލެޓް ވިދާޅުވީ، ވަކިން ހާއްސަކޮށް، ހަނގުރާމަވެރިންގެ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންނަކީ، އެކުދިންގެ ހައްގުތައް ނިގުޅައިގަނެވިގެން ދިއުމުގެ އިންތިހާ ހިތިކަން ތަޖުރިބާކުރަމުންދާ ކުދިންތަކެއް ކަމަށެވެ.

އައިސިސްއާއި ދެކޮޅަށް އެމެރިކާގެ އެއްބާރުލުމާއިއެކު ސޫރިޔާގައި ހަނގުރާމަކުރަމުންދާ އެސް.ޑީ.އެފްގެ ހަނގުރާމަވެރިން/ފޮޓޯ: ފޮރިން ޕޮލިސީ

ބެޝެލެޓް ވިދާޅުވީ ޖިނާއީ ދައުވާ ކުރާނަމަ އެ ދައުވާއެއް ކުރަނީ ބައިނަލްއަގުވާމީ ހަމަތަކުގެ ދަށުން ނޫންކަމުގައި ވަނީނަމަ އެނޫން ކޮންމެ މީހަކީ އަނބުރާ ގައުމަށް ގެންދެވެންޖެހޭނެ މީހެއް ކަމަށެވެ.

ބެޝެލެޓް ވިދާޅުވީ، އައިސިސްއާއި ގުޅުނު ކަމުގެ ކުށުގައި، އެންޓި-ޓެރަރިޒަމް ގާނޫނުގެ ދަށުން މިހަރުވެސް އިރާގުގައި 150 ފިރިހެނުންނާ އަންހެނުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާކަމަށެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފުން) ލަފާކުރާ ގޮތުގައި ސޫރިޔާއަށް ބަދަލުވި އެހެން ގައުމުތަކުގެ ހަނގުރާމަވެރިންގެ ދަރިންގެ ގޮތުގައި 29000 ކުއްޖަކު މިހާރުވެސް އެބަތިއްބެވެ. މީގެ ތެރެއިން 20000 ކުދިންނަކީ އިރާގަށް ނިސްބަތްވާ ކުދިންކަމަށްވެސް ޔުނިސެފުން ބުނެއެވެ.

ސޫރިޔާގައި ހަނގުރާމަ ކުރަމުންދިޔަ އައިސިސްގެ ބާރު އިރާގާ ސޫރިޔާ ސަރަހައްދުން ކަނޑުވާލުމަށްފަހު، ހަނގުރާމަވެރިންނާ ހަނގުރާމަވެރިންގެ އާއިލާތައް މިހާރު ތިބީ މި ދެގައުމުގެ ކޭމްޕުތަކުގައި "ހައްޔަރު"ކޮށްފައެވެ.

"އައިސިސް އާއިލާ"ތަކުގެ މެމްބަރުންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް އަރާއިރު، މީގެ ތެރޭގައި ގިނައީ އެއްގައުމަށްވުރެ ގިނަ ގައުމުން ރަށްވެހިކަން ހޯދާފައިވާ މީހުންކަން ބެޝެލެޓް ވަނީ ފާހަގަކުރައްވާފައެވެ. ޖުމުލަ ގޮތެއްގައި މިމީހުން ނިސްބަތްވަނީ 50 އަކަށް ގައުމަށްކަންވެސް ބެޝެލެޓް ވަނީ ފާހަގަކުރައްވާފައެވެ.

އުމުރުން އެންމެ 15 އަހަރުގައި އައިސިސްއާއި ގުޅުމަށް އިނގިރޭސިވިލާތް ދޫކޮށް ސޫރިޔާއަށް ހިޖުރަކުރި ޝަމީމާ ބޭގަމް/ފޮޓޯ: ބީބީސީ

އެމެރިކާއިންދަނީ އައިސިސްއާއި ގުޅުނު ވިލާތުގެ ގައުމުތަކުގެ ހަނގުރާމަވެރިންތައް އަނބުރާ ގައުމުތަކަށް ގެންގޮސް، އެގައުމުތަކުގައި އެމީހުންގެ މައްޗަށް ޝަރިޔަތް ހިންގުމަށް ގޮވާލަމުން ކަމުގައި ވީ ނަމަވެސް، ވިލާތުގެ ގައުމުތަކުން ދަނީ އައިސިސްއާއި ގުޅުނު މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ގޮވާލަމުންނެވެ.

ދިވެހިންގެ ތެރެއިންވެސް ބަޔަކު "އައިސިސް އާއިލާ"ތަކުގެ ގޮތުގައި ހިމެނޭއިރު، އެ އާއިލާތަށް އަނބުރާ ދިވެހި ފަސްގަނޑަށް ގެނައުމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ، ސޫރިޔާއިން އައިސިސްގެ ބާރު ކަނޑުވާ ލެވުނު ފަހުން އެގައުމުގެ ކޭމްޕުތަކުގައި 160 އެއްހާ ދިވެހިން އެބަތިބި ކަމަށާ، އެމީހުން ރީހެބިލިޓޭޓް ކުރުން ނުވަތަ އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.