ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ޗަރުކޭހަކަށް ވެގެން ނުވާނެކަމަށް ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ސަސްޕެންޑްކޮށް، ސުލޫކީ މައްސަލައެއް ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ އެންމެންނަށް އިންސާފުވެރި ހަމަހަމަ މުޖްތަމައުއެއް ހޯދައި ދިނުމަށް އެންމެން އެކުގައި އެތަކެއް ދަތިތަކެއް ތަހައްމަލް ކުރުމާއެކު މަސައްކަތް ކުރި ކަމަށެވެ.
ޖަމީލް މިގޮތަށް ޓްވީޓް ކުރައްވާފައި ވަނީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ގެންގުޅޭ މަސައްކަތާ ދެކޮޅުކަން ހާމަކުރައްވައެވެ. ޖަމީލް ކުރެއްވި ޓްވީޓުގައި، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އިނގިރޭސިވިލާތުގައި އަރުވާލެވިގެން ތިބެ އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިއްތިހާދުގެ އިސްވެރިންނާކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާފައިވެއެވެ.
ޖަމީލް ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ ޒިންމާތަކާ ހަވާލުވެފައިވާ ފަރާތްތަކުގެ ވާހަކަތައް ދައްކާ އިރު، ޖަވާބުދާރީ ވާން ޖެހޭނީ އެއްބާރާ ހަވާލުވެފައި ތިބި ފަރާތްތައް ނޫން ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ބާރެކޭ އެއްފަދައިން ވެރިކަމުގެ ބާރާއި ގާނޫނު ހަދާ ބާރުގެ ޒިންމާތަކާ ހަވާލުވެ ތިބި ފަރާތްތަކުން ވެސް މަސައްކަތް ކުރައްވަންޖެހޭނީ އެއް ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
ޖަމީލް ވިދާޅުވީ އެގޮތަށް މަސައްކަތް ނުކުރައްވާ ނަމަ، އެކުރެވެނީ ވަކި ބޔަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތަކަށް ކަމަށެވެ.
ޖުޑީޝަރީ ރިފޯމް ކުރަން ސަރުކާރުން ގެންގުޅޭ އެޖެންޑާއަށް ފާޑުވިދާޅުވެ ޖަމީލް ވަނީ މީގެ ކުރިން ވެސް ސަރުކާރަށް ފާޑުވިދާޅުވެ، އެއީ ވަކި މަގްސަދެއްގައި ކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ. ޖަމީލް ވަނީ މި މައްސަލައިގައި ސަރުކާރުގެ އިތުރުން މަޖިލީހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.