ދިވެހި ބޭސްވެރިކަމުގައި 60 ވަރަކަށް އަހަރު ވެފައިވާ މަޝްހޫރު ދިވެހި ބޭސްވެރިޔާ ޔޫސުފު ހުސައިން (ދޮން ޔޫސުފު) މިއަދު ނިޔާވެއްޖެއެވެ.

ބ. ކެންދޫ މޯނިންގް ހައުސް ޔޫސުފު ހުސައިން ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދެއެވެ. ނިޔާވި އިރު ދޮން ޔޫސުފުގެ އުމުރަކީ 85 އަހަރެވެ.

60 ވަރަކަށް އަހަރު ވަންދެން ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ހިދުމަތް ކޮށްދެއްވި ދޮން ޔޫސުފު ވަނީ ދިވެހި ބޭސްވެރިކަން ފުޅާކުރައްވައި އާލާ ކުރެއްވުމަށް ގިނަ މަސައްކަތްތައް ހިލޭ ކޮށްދެއްވާފައެވެ. އޭނާ އަށް އާންމު ހިދުމަތުގެ އިނާމާއި، ޝަރަފުވެރިކަމުގެ އިނާމު 2007 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

އެތައްހާސް ބަޔަކަށް ހިލޭ ދިވެހި ބޭސްވެރިކަން ކުރަން ދަސްކޮށްދެއްވި ދޮން ޔޫސުފު ނިޔާވި އިރު، އޭނާގެ އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވެ. ދޮން ޔޫސުފުގެ ދަރިންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފު ހިމެނިވަޑައި ގަންނަވައެވެ.

މަޝްހޫރު ދިވެހި ބޭސްވެރިޔާ އަލްމަރުހޫމް ޔޫސުފް ހުސައިން

ދޮން ޔޫސުފު ދިވެހި ބޭސް ހައްދަވަން ދަސްކުރެއްވީ، އޭނާގެ ބައްޕަ، ކެންދޫ ހުސައިން އީސާގެ ފަރާތުންނެވެ. އަދި ބާޑީގެ މުހައްމަދު ދީދީގެ އަރިހުންނާއި އިބްރާހިމް ފާމުދޭރިކިލެގެފާނުގެ އަރިހުން ވެސް ދޮން ޔޫސުފު ބޭސް ހައްދަވަން ދަސްކުރެއްވިއެވެ.

ދޮން ޔޫސުފު ހުރިހާ ވައްތަރެއްގެ ދިވެހި ބޭސް ހެއްދެވި އިރު، ހާއްސަ ގޮތެއްގައި ރާއްޖެ ބަލީގެ ބޭސް ހައްދަވައި އުޅުއްވިއެވެ.

ދޮން ޔޫސުފު އުފަންވެވަޑައިގަތީ 1933 ވަނަ އަހަރުގައެވެ.