ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލަ މާދަމާގެ ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ޖޭއެސްސީއިން ވަނީ އެޖެންޑާ ކޮށްފައެވެ. އެންމެ ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ ފެންވަރު ބެލިތާ މިހާރު ވަނީ 10 އަހަރު ވެފައެވެ.

ފަނޑިޔާރުންގެ ފެންވަރު ނުބަލާތާ މިހާރު 10 އަހަރު ވެފައިވާއިރު، ގާނޫނު އަސާސީގެ 285 މާއްދާގެ ށ ގައި ބުނެފައިވާ ގޮތުގައި ގާނޫނޫ އަސާސީއަށް އަމަލު ކުރަން ފަށާތާ، ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ ޝަރުތުތައް ފުރިހަމަވޭތޯ ޖޭއެސްސީއިން ބަލަން ޖެހެއެވެ.

މީގެ އިތުރުން، ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައިވާ ގޮތުގައި ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އުފުލޭ ފަދަ ގާބިލް މީހަކަށް ވުމާ އެކު، އަހުލާގު ރަނގަޅު ބަޔަކަށް ވާންވާނެއެވެ. މި މާއްދާގެ ނ ގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރާ ކޮންމެ މީހަކީ 30 އަހަރު ވެފައިވާ މީހަކަށް ވާންވާނެ ކަމަށެވެ. އަދި ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލްކަން ކުރުމުގައި ނުވަތަ ދެ ދާއިރާއިން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން އަދި އިސްލާމީ ޝަރީއަތް ނުވަތަ ގާނޫނީ ދާއިރާއިން އިލްމް ލިބިފައިވާ މީހަކަށް ވާންވާނެ ކަމަށް އެ މާއްދާގައިވެއެވެ.