ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ދައުވަތަކަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

119 ގައުމަކުން ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ ފެންވަރުގެ ބޭފުޅުން ޝާމިލުވާގޮތަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޝިޔާގެ އޫފާގައި ކުރިއަށްދިޔަ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިން އޮފިޝަލްސް ރެސްޕޮންސިބަލް ފޯ ސެކިއުރިޓީ މެޓާސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް މިނިސްޓަރު މާރިޔާ ކުރެއްވި މި ދަތުރުފުޅުގައި އެކަމަނާވަނީީ ތަފާތު ދެ ސެޝަނެއްގައި ތަގްރީރު ކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ ކުރެއްވި ތަގުރީރު ތަކުގައި އެކަމަނާ ވަނީ ހައިބްރިޑް ތްރެޓްސް އަށް ބައްލަވާލައްވާފައެވެ. ހައިބްރިޑް ތްރެޓްސް އަކީ ޒަމާނަށް އަންމަ ބަދަލާ ގުޅިގެން ކުރިމަތިވާ ތަފާތު ނުރައްކާތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކެވެ. އަދި ބައިނަލްއަގްވާމީ ޓެރަރިޒަމް ހުއްޓުވުމާ ބެހޭގޮތުން ބޭއްވި ރައުންޑްޓޭބަލް މަޝްވަރާތަކުގައި އެކަމަނާވަނީ ޓެރަރިޒަމާ ދެކޮޅަށް މި ސަރުކާރުން ގެންގުޅުއްވާ ޒީރޯ ޓޮލެރެންސް ސިޔާސަތު ވެސް ފާހަގަކުރައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރު މާރިޔާ ވަނީ ރަޝިޔާގެ މިނިސްޓާ އޮފް ޑިފެންސް ސެރްގީ ޝޮއިގޫއާ ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ވެރިޔާ ނިކޮލައި ޕަޓްރޫޝޭވާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ބައިނަލް އަގްވާމީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދެ ގައުމުގެ އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ މެދުގައެވެ.