ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ކޮންމެހެން ބޭނުންފުޅުވާ ސިއްހީ ފަރުވާ ފޯރުކޮށްދެވެމުން ނުދިއުމުގެ ސަބަބުން ފުރާނަފުޅަށް ނުރައްކާވެފައި ވާކަމަށާ، ނަމަވެސް ބައްޕާފުޅަކީ "ޕާކިސްތާނުގެ މޫރުސީ"އަށް ވިޔަ ނުދެއްވާނެ ކަމަށް، ދަރިކަނބަލުން މަރްޔަމް ނަވާޒް ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ދޮޅު އަހަރެއްހާ ދުވަސް ވިތަނާ ހިންގި އަސްކަރީ ބަގާވާތަކުން މަގާމުން ދުރުކޮށް ޖަލަށްލެވުނު މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީ އަވަހާރަވީ މިދިޔަ ހަފުތާގެ ކުރީކޮޅުއެވެ. މޫރުސީ އަވަހާރަވީ ޝަރިޔަތުގެ މަޖިލީހުގައި ހުންނަވަނިކޮށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ޖަލު ބަންދަށް މޫރުސީ ބަދަލު ކުރެވުނު ފަހުން އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭ ކަމުގެ ޚަބަރުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ޕާކިސްތާނު މުސްލިމު ލީގު ނަވާޒް (ޕީ.އެމް.އެލް.އެން)ގެ ނައިބު ރައީސާ މަރްޔަމް ނަވާޒް ވިދާޅުވީ ޕާކިސްތާނަކީ މިސްރު ނޫންކަމަށާ، މޫރުސީ އޮންނެވި ހާލުގައި ނަވާޒް ޝަރީފު ބޭއްވިޔަ ނުދެއްވާނެކަމަށެވެ.

އުމުރުފުޅުން 69 އަހަރުގެ ނަވާޒް ޝަރީފްއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަރްޔަމް ނަވާޒް ވިދާޅުވީ، ނަވާޒް ޝަރީފުގެ ބަލިހާލުކޮޅު ވަރަށް ބޮޑު ކަމަށާ، މިހާރުން މިހާރަށްވެސް ސިއްހީ ފަރުވާ ބޭނުންވާކަމަށެވެ. އަދި މި ފަރުވާއަކީ ޖަލުން ފޯރުކޮށްދެވެމުން ނުދާ ފަރުވާއެއްކަމަށްވެސް ދަރިކަނބަލުން މަރްޔަމް ނަވާޒް ވަނީ ފާހަގަކުރައްވާފައެވެ.

ނަވާޒް ޝަރީފުގެ ސާޖަރީތަކެއް ހަދަންޖެހިފައިވާކަމަށާ، ފަރުވާގެ މުއްދަތު، އަހަރެއްހާ ދުވަހަށް ދިގުލައިގެން ދިއުން އެކަށީގެންވާކަމަށްވެސް މަރްޔަމް ނަވާޒް ވިދާޅުވިއެވެ. އަދި ނަވާޒް ޝަރީފު ފަދަ ބޭފުޅަކަށް ފަރުވާ ދެއްވުމަށް ޕާކިސްތާނުގެ ޑޮކްޓަރުން ފަސްޖެހިވަޑައިގަންނަވާކަމަށްވެސް މަރްޔަމް ނަވާޒް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މަރްޔަމް ނަވާޒް ވިދާޅުވީ، އާދިޔާލާ ޖަލުގައި މިދިޔަ އަހަރު ނަވާޒް ޝަރީފަށް 3 ވަނަ ހާޓްއެޓޭކްއެއް ޖެހުނުކަން އާއިލާއަށްވެސް އަންގާފައި ނުވާކަމަށެވެ.

ޕާކިސްތާނުގައި 3 ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފު ވަނީ، އިތުރު ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް މިއަހަރުގެ އޭޕްރިލް މަހު އެދިވަޑައިގެންފައެވެ. ނަމަވެސް، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އެ އިޒުނު ދޫކުރުމަށް އިންކާރުކޮށްފައެވެ.

ނަވާޒް ޝަރީފަކީ އެންޒައިޓީއާއި ޑިޕްރެޝަންގެ ބަލި މީހެއްކަމަށާ، ކުއްލި ގޮތަކަށް މަރުވުމަކީވެސް އެކަށީގެންވާކަމަކަށްވުމުން، ކަފާލާތުގެ ދަށުން ދާއިމީ މިނިވަންކަމަކަށްވެސް ނަވާޒް ޝަރީފުވަނީ އެދިވަޑައިގެންފައެވެ.

ނަވާޒް ޝަރީފު މިހާރު ތަންފީޒުކުރައްވަމުން ގެންދަވާ 10 އަހަރު ދުވަހުގެ ޖަލު ހުކުމަކީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމެކެވެ.