އައިޖީއެމްއެޗުން ސީޓީ ސްކޭނުގެ ހިދުމަތް އަނެއްކާ މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ ސީޓީ ސްކޭން މެޝިން މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށް ސީޓީ ސްކޭންގެ ހިދުމަތް މިއަދުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް، ޑޮކްޓަރުން އެމަޖެންސީކޮށް ހެދުމަށް ދެއްވާ ސީޓީ ސްކޭންތައް އާސަންދަ އަދި ޓްރީޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ، މިއަދު ސީޓީ ސްކޭން މެޝިން މަރާމާތު ކުރުމަށް ފަހު، އަލުން ހިދުމަތް ދޭން ފެށޭނީ ކޮން ދުވަހަކު ކަން އަދި ބުނަން ނޭނގޭ ކަމަށެވެ.

މިމަހު 14 ދުވަހު އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ހޮސްޕިޓަލުގެ ސީޓީ ސްކޭން މެޝިނަށް ކަރަންޓު ދިނުމަށް މައްސަލަތަކެއް ދިމާވެ ކުރިންވެސް ވަނީ މި ހިދުމަތް ދިނުން ހުއްޓިފައެވެ. ނަމަވެސް ކަރަންޓު ދިނުމަށް ދިމާވި އެ މައްސަލަ ހައްލު ކުރުމަށްފަހު، އެ ހިދުމަތް އަލުން ދޭން ފެށީ މިދިޔަ ހޯމަ ދުވަހެވެ.

މިމަހު 14 ވަނަ ދުވަހު އައިޖީއެމްއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ރޯވެ ހިނގާފައިވާ އަލިފާނުގެ ހާދިސާގައި އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ އާންމުން ތިބި އެމަޖެންސީ ސަރަހައްދަށް ވަނީ އަލިފާނުގެ ދުން ފެތުރިފައެވެ. މި ހާދިސާގައި އަލިފާން ނިއްވުމަށާއި އެ އިމާރާތުގެ ރައްކާތެރިކަމުގެ ކަންކަން ފުލުހުން ވަނީ ބަލަހައްޓާފައެވެ. އެވަގުތު ހޮސްޕިޓަލުގައި ތިބި ބައެއް ބަލިމީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ.