މާފުށީ ޖަލުގައި މިމަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ ހާދިސާ އާއި ގުޅިގެން އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ މާފުށީ ޖަލަށް ޒިޔާރަތް ކޮށްފިއެވެ.
ހޯމް މިނިސްޓްރީ އިން ބުނީ މިނިސްޓަރު އިމްރާން ޖަލަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތަކީ ޖަލުގައި ތިބި ގައިދީންގެ ހާލަތު ބައްލަވައި މިމަހުގެ 20 ވަނަ ދުވަހު ހިނގާފައިވާ ހާދިސާއާ ގުޅޭގޮތުން މައުލުމާތު އޮޅުން ފިލުވުމަށް ކުރައްވާ ޒިޔާރަތެއް ކަމަށެވެ.
މިނިސްޓަރު އިމްރާނުގެ މި ޒިޔާރަތުގައި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ގެ އިތުރުން ހޯމް މިނިސްޓްރީގެ ޖަލުގެ ކަންކަމާ ގުޅޭ އިދާރާގެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
ގައިދީންނާ މެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިކަމުގައި ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުއްވުމަކީވެސް ކުރައްވާނެ ކަމެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަލު ހަލަބޮލި ކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީ ވެއްޖެ ކަމަށާ، އަނިޔާވެެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރުމަށް ކުރާ ކަންކަމުން ކަރެކްޝަނުގެ އޮފިސަރުން އެއްކިބާ ވުމަށްވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.