މީގެ 16 އަހަރު ކުރިން ޗައިނާގެ ސްކޫލަކުން ގެއްލުނު ޓީޗަރުގެ ހަށިގަނޑުގެ ބައިތަކެއް، އޭނާ އޭރު މަސައްކަތް ކުރަމުންދިޔަ ސްކޫލް އިމާރާތުގެ އަޑީގައި ވަޅުލާފައި ހުއްޓާ ފެނިއްޖެއެވެ.

ޑެންގް ޝިޕިންގް ނަމަކަށް ކިއާ މި ޓީޗަރަކީ އެސްކޫލްގައި އަލަށް އިމާރާތްކުރި ކުޅިވަރު މަރުކަޒުގެ ފެންވަރު ދަށްކަމުން، އެތަނާ ހަވާލުވުމަށް އިންކާރުކުރި ޓީޗަރެކެވެ.

އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އެދުވަސްވަރު ސްކޫލްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅުނު މީހަކު، 2003 ވަނަ އަހަރުގެ ޖަނަވަރީ މަހު ޑެންގް މަރާލާފައިވާނެ ކަމަށް އިއުތިރާފުވުމާ ގުޅިގެން ހޯދި ހޯދުންތަކުންނެވެ.

އިއުތިރާފުވި މީހާއާއެކު އިތުރު 6 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މިމީހުންނަކީވެސް އިމާރާތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންކަމަށް މައުލޫމާތު ލިބެއެވެ.

ޑެންގްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ، އޭނާ އޭރު މަސައްކަތް ކުރަމުންދިޔަ ޝިންހުއާންގް މިޑްލް ސްކޫލްގެ ދުވާ ޓްރެކްގެ އަޑީގައި ވަޅުލާފައި ވަނިކޮށެވެ.

ޑެންގްގެ ދަރިފުޅު މައުލޫމާތު ދިން ގޮތުގައި އޭނާގެ ބައްޕައަކީ، އެ ސްކޫލްގެ ކުޅިވަރު މަރުކަޒު އެޅުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ސްކޫލްގެ ފަރާތުން އިސްކޮށްފައި ހުރި މުވައްޒަފެކެވެ. އެގޮތުން، ކުޅިވަރު މަރުކަޒު އެޅުމުގެ މަސައްކަތުގައި އުޅުނު ޑޫ ޝައޯޕިންގް ނަމަކަށް ކިއާ މީހަކު، ފައިސާއަށް ހިޔާނާތްތެރިވެ، އިންތިހާއަށް ދަށްފެންވަރަކަށް މަރުކަޒު އަޅަމުންދާކަމުގެ ޝަކުވާ ޑެންގް އުފުލިއެވެ.

ކުޅިވަރުމަރުކަޒާ ދުވާ ޓްރެކް އެޅުމުގެ މަސައްކަތް ކުރަމުންދިޔައީ ސްކޫލް ޕްރިންސިޕަލްގެ ތިމާގެ ބައެކެވެ. ނަމަވެސް، ފެންވަރު ދަށްވުމުގެ ސަބަބުން ލިޔެކިއުންތަކުގައި ސޮއިކުރުމަށް ޑެންގް އިންކާރުކޮށް، އެ ސަރަހައްދުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅިއެވެ. ޑެންގް ގެއްލުނީ އެހާ ހިސާބުންނެވެ.

ޑެންގެ މަރާލިކަމަށް އިއުތިރާފު ވެފައިވަނީވެސް ޑު ޝައޯޕިންގްއެވެ.