މާފުށީ ޖަލުގައި އިއްޔެ ގައިދީއަކު، ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ހަމަޖެހިފައި ވާކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

މަޖިލިސް އިދާރާއިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުން މާދަމާ އޮތް ކަމަށާ އެ ކޮމެޓީގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 11:00 ގައި ކަމަށެވެ.

އިއްޔެ ޖަލުގައި ހިނގި ހާދިސާ ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޔެ ޖަލުގައި ހިނގާފައިވާ ހާދިސާއާ ގުޅިގެން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތް ކުރައްވާފައި ވާކަމަށާ، މިކަމާ ގުޅޭގޮތުން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރައްވާފައިވާ ކަމަށެވެ.

މި ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާ ދީފައި ވަނީ ގައިދީ އަކު އިސްވެ ހުރެގެން ކަމަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.