ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ ވެސް އާންމުކޮށް ހުޅުވާލައިގެން ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ބުނީ، ފެމިލީ ކޯޓުގެ އިސް ގާޒީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބަލަން ނިންމީ، ގާޒީގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. ގާޒީ ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލު ވުމަށްފަހު ސަސްޕެންޑް ކޮށްފައެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމި ކަންތައްތަކުގެ ތެރޭގައި، އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދުގެ ޝަކުވާ އަދި ކޮމިޓީ މަހުހަލާގައި މިހާރު ކުރިއަށްދާ ޝަކުވާތައް ފަސް މެންބަރުންގެ ކޮމިޓީއަކާއި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް، ހަތް މެންބަރުންގެ ކޮމިޓީ އަކާ ހަވާލު ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނީ އެ ކޮމިޝަނުން 2014 ވަނަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން މެދުކަނޑާލި އެކޮމިޝަނުގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ވަޒީފާއާ ބެހޭ ގާނޫނުގެ މަތިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު ނިންމާފައިވާ ގޮތުގެ މަތިން ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށްފަހު، މުސާރައިގެ ކުރިއެރުން ހައްގުވާ ފަރާތްތަކަށް މުސާރައިގެ ކުރިއެރުން ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން މީގެ ކުރިން ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅާފައވާ ޝަކުވާ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެެވެ. އެގޮތުން، އެ ކޮމިޝަނުން ވަނީ މި ތަހުގީގު ޓީވީ އިން ލައިވް ކޮށް ބްރޯޑްކާސްޓް ކުރެވޭނެ ކަމަށާއި، މާދަމާ 10:00 އިން ފެށިގެން ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މި ތަހުގީގު އޮންނަ އިރު ޖާގަ އޮތް މިންވަރަކުން އާންމުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މީގެ އިތުރުން އެ ކޮމިޝަނުން ބުނީ މި ތަހުގީގު ކުރިއަށްދާ ގަޑީގައި އެމްއެންޑީއެފް އަދި ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރި ވާނެ ކަމަށެވެ.