ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން ފާސްކޮށްފިއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ތިން ހުށަހެޅުމެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެގޮތުން އާޒިމް ހުށަހެޅުއްވި އެއް ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތައް ހަމަވޭތޯ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމެވެ. މި އިސްލާހަށް ވޯޓަށް އެހުމުން 66 މެންބަރުން ވަނީ މި ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ. މި ހުށަހެޅުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

މީގެ އިތުރުން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެ ކޯޓުން ނެރުނު ދެ އަމުރުން މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ ބެލުމަށެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކޮރޮޕްޝަންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ނަމަ އެ މައްސަލަ އެ ކޮމިޝަނުން ލަސްނުކޮށް ބެލުމަށް އާޒިމް ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުމާ އެއްކޮޅަށް ވެސް 69 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މި ހުށަހެޅުއްވުން އާޒިމް މަޖިލީހަށް ހުށަހެޅުއްވި އިރު، ފަނޑިޔާރު ދީދީ ކޮރަޕްޝަން ނެންގެވި މައްސަލައެއް ޖޭއެސްސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.