ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އަރައިގަނެ، މަޖިލީހުގެ ބާރުތަަކަށް އަރައިގަތުމަކީ، ރައްޔިތުންގެ ބާރަށް އަރައިގަތުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް އެންމެ ބޮޑު ގޮންޖެހުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ރައްޔިތުންގެ ވަކީލުން ތަމްސީލުކުރާ ގޭގެ މަޖިލިސް ކަމަށާއި، ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

އަދި މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަމަށާއި، މަޖިލީހުގެ މަސައްކަތަށް ވެސް އަދި ބާރުތަކަށް ވެސް އަރައިގަތުމަށް އެހެން އެއްވެސް މުއައްސަސާއަކުން މަސައްކަތް ކުރަނީ ނަމަ، އެ އަރައިގަނެވެނީ ރާއްޖޭގެ ރައްޔިތުންގެ ބާރުތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެ އަރައިގަނެވެނީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކަށް. މިއަދު މި ހުށަހެޅޭ މައްސަލައަކީ ރާއްޖޭގެ ސުޕްރީމް ކޯޓުން މި މަޖިލީހަށް މަސައްކަތް ނުކުރެވޭނެކަމަށް، ބަސް ނުބުނެވޭނެކަމަށް އެ ވިދާޅުވުންތަކާ ގުޅޭގޮތުން، އެއީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެނި އެ މައްސަލައާއި ގުޅޭގޮތުން ބަހުސް ކުރުމަށް އަޅުގަނޑު ހުށަހަޅާ މައްސަލައެއް،"
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ފަނޑިޔާރު ގޭގެ ބާރުތައް އެއްވެސް ފަރާތަަކަށް އޮޅިވަޑައިގެންފައި ނުވާނެ ކަމަށެވެ. އެހެންކަމުން މެންބަރުން މިކަމުގައި ދެކެވަޑައިގަންނަވާ ގޮތަކަށް ބަހުސް ކުރެއްވުމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން އިއްޔެ އަމުރު ނެރެފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން، ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް، އެކޮމިޝަނުގެ ކަންބޮޑުވުންތަކުގެ މައްޗަށާއި ޖުޑީޝަރީ އިސްލާހު ކުރުމަށް، މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް އެކުލޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ރިޕޯޓް ފާސް ކުރުމާއި ގުޅިގެންނެވެ.