ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، މަޖިލީހުގެ ބާރުތަކާއި ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.
ގަރާރު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް، މަޖިލީހަށް ލިބިގެންވާ ބާރުތައް ހަނިކުރެވޭ ގޮތަށް އަދި ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއާއި 26 ވަނަ މައްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ ސީދާ ބާރު ހަނިކުރުމުގެ އަމަލެއް ކަމަށެވެ.
އަދި އެ އަމުރުން ކޮށްފައިވާ ގައިދުތައް ތަބާވުމަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީގެ ދަށުން ބާރުތައް ދޫކޮށްލެވޭ ކަމަށް ގަބޫލުކުރެވޭ ހިނދު، އަދި އަދުލު އިންސާފު ގާއިމް ކުރައްވާ ފަރާތުން ނެރުނު އެ އަމުރަކީ އޭގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމް ބޮއްސުންލައި ގާނޫނު އަސާސީން ތަރުތީބު ކޮށްފައިވާ އިންތަކާއި މިންތަކުގެ އިންތިޒާމަށް ލޮޅުން އަރާގޮތަށް ނެރިފައިވައި، ގާނޫނާ ގަވާއިދާ ހިލާފް ތައައްސުފީ އަމުރެއް ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.
މި ގަރާރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އެކޯޓުގެ އަމުރަކީ މަޖިލިސް ނުވަތަ މަޖިލީހުގެ އެއްވެސް މެމްބަރަކު ބަނދެވޭ އަމުރެއް ނޫން ކަމަށާއި، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން ނެރެފައިވައި، ހަވާލާދެވެނު ދެ ކޯޓު އަމުރަކީ، މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ، ޣައިރުގާނޫނީ އަމުރެއް ކަމަށް އިގުރާރު ވާކަމަށެވެ.
އަދި އަދުލްއިންސާފު ގާއިމުގެ ކުރުމުގެ ބާރު ތަކުގެ ތެރޭގައި ހިމެނޭ އެންމެ އިސް އިސްތިއުނާފީ ކޯޓުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކަށް މިމަޖިލީހުން އިހުތިރާމު ކުރާހިނދު، އެބާރުތަކުގެ އިމުގެތެރޭގައި ދެމިއޮތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިރުޝާދު ދިނުމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެބާރުތަކުގެ އިމުން ބޭރުވެ، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މިމަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެމަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މިމަޖިލިސް އިގްރާރުވާކަމަށް ހިސާން ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.
ގާރާރު ހުށަހެޅުއްވުމުގެ ކުރިން ހިސާން ވިދާޅުވީ އެއްވެސް ފަރާތަކަށް ގާނޫނު އަސާސީން އިންތަކާއި މިންތަކާއި ހުދޫދުތަކެއް ކަނޑަނޭޅި މުތުލަގުކޮށް ބާރުތަކެއް ދީފައި ނުވާ ކަމަށެވެ. އަދި ބާރުތައް ވަކިވެފައިވާ ޑިމޮކްރަޓިކް ދައުލަތެއްގައި ކޮންމެ ބާރެއް ވެސް މަސައްކަތްކުރަން ޖެހޭނީ އެ ބާރަށް ގާނޫނު އަސާސީން ދިފައި އޮތް އިމުގެ ތެރޭގައި ކަމަށާއި، ނަމަވެސް މިއަދު ފެންނަން މި އޮތް މަންޒަރަކީ ދުސްތޫރުގައި ކަނޑައަޅާފައިވާ އަސާސްތަކާއި ހަމަތަކާއި ހިލާފަށް ތަކުރާރުކޮށް ރެއާއި ދުވާލު އެހެން މުއައްސަސާތަކުގެ މައްޗަށް އަރައިގަނެ ސުޕްރީމް ކޯޓުން އަރައިގެންދާތަން ކަމަށެވެ.
ހިސާން ވިދާޅުވީ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކުގެ މައްޗަށް އަރައިގަނެ ސުޕްރީމް ކޯޓުން ނެރެމުންދާ އަމުރުތަކަކީ ދިވެހި ރައްޔިތުންގެ ބާރުތަކުގެ މައްޗަށް އަރައިގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަކީ މެންބަރުންގެ ގޮތުގައި ތިބެ ގަބޫލުކުރެވޭނެ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހިސާން ވިދާޅުވިއެވެ.