އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ސުވާލުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވެއްޖެއެވެ.

އަދުރޭ ވަނީ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ރައީސް ސޯލިހަށް އަމާޒުކުރައްވައި އެތައް ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހި ޓެގް ކުރައްވާ އަދުރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ރާއްޖެ ކަށަވަރުކޮށް ނިމޭއިރު މުސްލިމް، ދިވެހި ވަންތަ އެއްވެސް ސިފައެއް މި ގައުމުން ފެންނަން ހުންނާނެތޯ އައްސަވާ ފައެވެ.

އަދުރޭ ސޯޝަލް މީޑީއާގައި ކުރެއްވި ސުވާލުތަކުގެ ތެރޭގައި، ރައީސް ސޯލިހު ވިދާޅުވާ ފަދައިން ރާއްޖެ ކަށަވަރުކޮށް ނިމޭއިރު، ދިވެހިންގެ ބާރު ދިވެހިންގެ މައްޗަށް ހިނގާނީ ކިހާވަރަކަށްތޯއާ ގައުމުގެ މިނިވަންކަން އޮންނާނީ ކިހާ ހިސާބެއްގަތޯ އަދި ރައްޔިތުން ބާރުވެރިވަނީ ކިހާ ވަރަކަށްތޯ އައްސަވާފައި ވެއެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ އެއްވެސް ބޭނުމެއް އޮންނާނެތޯއާއި، ހުދު ރައްޔިތުން އިންތިހާބު ކުރާ ވެރިއެއްގެ ބާރުވެސް ގައުމުގައި ހިނގާނެތޯ އަދުރޭވަނީ ސުވާލު ކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ މިއަދު އޭނާ ރައީސް ސޯލިހަށް ކުރައްވަން ބޭނުންވާ އެ ސުވާލުތަކަކީ ފެންނަ މަންޒަރާއި އިވޭ އަޑުތަކަށް ބުރަވެ، ފިކުރު ހިންގާލީމާ ހިތުގައި އުފެދޭ ސުވާލުތަކެއް ކަމަށެވެ. އަމިއްލަ އަތުން އަމިއްލަ ހެދުން ބާލާ ބަރަހާނާވުން މިއީ ރައްޔިތުން ބޭނުންވާ ގޮތް ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިނިވަންކަމުގެ އަރާމު ތަންމަތިން ތެދުވެ، އަޅުވެތިކަމުގެ ހިތްދަތި އަށިގަނޑެއް ރައްޔިތުން އިހްތިޔާރު ކުރުމަކީ ގަބޫލު ނުކުރެއްވޭ ކަމެއް ކަމަށެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނީ ބޭރު ގައުމުތަކުގެ އެހީއާ އެކުގައި ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.