ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުން ނެއްޓިގެން ނޫނީ އިތުރުކަމެއް ކުރެއްވެން ނެތް ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ހަށިކޮޅުން ނެއްޓިގެން ނޫނީ އިތުރުކަމެއް ކުރެއްވެން ނެތްކަމަށާއި، ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރައްވާ އޭނާއަށް ހައްގު އަދަބު ނުދެވޭހާ ހިނދަކު މި ރާއްޖޭގައި އަދުލު އިންސާފް ގާއިމު ނުކުރެވޭނެ ކަމަށެވެ. ގައުމުގައި ނައިބު ރައީސް ކަން ކުރައްވާނީ ގައުމާ ހަވާލުވެ ހުންނަވާ ރައީސް ވިދާޅުވާ ގޮތަށް ކަމަށާއި، ހަމައެކަނި ނައިބު ރައީސަކާ ހިސާބުން އެކަންކަން ނިމޭނެ ކަމަކަށް ގަބޫލުނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ހުއްދަ ދިނުމާއި އެކު އެކަމާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅޭގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތުގެ ކޮމިޓީން އެ މައްސަލަ ދިރާސާ ކޮށް ވަނީ ރިޕޯޓެއް ހުށަހަޅާފައެވެ.

މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ރާއްޖެ މިހިސާބަށް ދިއުމުގައި އެންމެ ބޮޑު އެއް މޭސްތިރިއަކީ އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ފާތުން ކަމަށެވެ. މި ބޭފުޅުން އަމާންކަމާ އެކުގައި ތިއްބެވޭ ކަމަށް ވާނަމަ މިއަދު އަދީބު ބޭސް ފަރުވާއަށް ފޮނުވުމުން އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިއަދާ ހަމައަށް އައި އިރުވެސް ކުރީގެ ރައީސް ޔާމީން ވެވަޑައިގެންނެވި ހިޔާނާތް ހޯދާ އެކަމަށް ހައްގު އަދަބު ދެވިފައި ނުވާކަމަށް ޝާހީމް ވިދާޅުވިއެވެ. ޔާމީން އަށާއި ޔާމިން އާ އެކު މަސައްކަތް ކުރި މީހުންނަށްވެސް ހައްގު އަދަބު ދޭން ޖެހޭ ކަަމށް އޭނާ ވިދާޅުވިއެވެ. އެއީ ބޮޑު ޓީމެއް އެކުވެގެން ހިންގާފައިވާ ކަމެއް ކަމަށާއި ފޮށިގަނޑަށް އަޅައިގެން ވެއްދި ފައިސާ އާއި ރުބެލް ގުނަން ހުރި ފައިސާތަކަށް ވީ ނުވީ ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަދާ ހަމައަށް އައި އިރުވެސް ފޮށިގަނޑުގަނޑަށް އަޅައިގެން ވެއްދެވި ފައިސާއާއި އަދި ރުބެލް ގުނަން ހުރި ފައިސާ އާއި ދެންވެސް ބޭފުޅުން ގުނަން ތިބި ފައިސާތަކަށް ވީ ނުވީއެއްވެސް އަޅުގަނޑުމެންނަކަށް ނޭނގޭ."
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އިތުބާރު ގެއްލޭ ގޮތަށް އެ ބޭފުޅުންގެ އިހްމާލު އެބައޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ. ޔާމީންއާ އެކުވެގެން ރާއްޖޭގެ ބައިތުލްމާލާ ކުޅެން ތިބި މީހުން ހޯދާ އެމީހުންނަށް ވެސް އިންސާފު އަރާ ހަމަކުރާކަން ދައްކަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެއީ ބޮޑު ޓީމެއް. ޗޮކްލެޓް ބަންދުކުރަން ތިބީ އޭގެ މީހުން، ސައުދީން ދިން ކަދުރުކޮޅަށް ވެސް ކުޅެން ތިބީ އެމީހުން، ރާއްޖޭގެ ބައިތުލްމާލާއި ކުޅެން ތިބީ ވެސް އެމީހުން."
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް

ކުރީގެ ރައީސް ޔާމީނަށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓް ހުޅުވީ އެއްމިލިއަން ޑޮލަރު ޖަމާކުރުމުގެ 6 ދުވަސް ކުރިން ކަމަށް އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓުގައި ވެއެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ، މި މައްސަލައިގައި ދައުލަތުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ ސާފު ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެސްއޯއެފުން ޖަމާ ކޮށްފައިވާ ފައިސާއަކީ ކާކު ޖަމާކުރި ފައިސާއެއްކަން ސާފު ނުވާކަމަށް ވެސް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ތިން ޓްރާންސްއެކްޝަނެއް ހިމެނޭ ގޮތަށް ކުރި ދައުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާ ނޫން ކަމަށާއި އެސްއޯއެފުން ޖަމާ ކޮށްފައިވާ ފައިސާކަމަށެވެ.