2027 ވަނަ އަހަރު އަންނައިރު ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމުގެ ރެކޯޑް އޮންނާނީ އިންޑިއާގެ އަތުގައި ކަމަށް އދގެ އިޖުތިމާއީ އަދި އިގުތިސޯދީ ކަންކަމާ ބެހޭ އިދާރާގެ އާބާދީއާއި ބެހޭ ޑިވިޝަނުން އެކުލަވާލި "ދަ ވާލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓަސް 2019: ހައިލައިޓްސް" ރިޕޯޓުން ދައްކައިފިއެވެ.
އދގެ ރިޕޯޓް ބުނާ ގޮތުގައި މިހަރުން ފެށިގެން 2050 ވަނަ އަހަރާ ދެމެދު އިންޑިއާގެ އާބާދީއަށް 273 މިލިއަން މީހުން އިތުރުވާނެއެވެ. އަދި މި ގަރުނު ނިމެންދެން، ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމުގެ ރެކޯޑް އޮންނާނީ އިންޑިއާގައި ކަމަށްވެސް މި ރިޕޯޓްގައި ވަނީ ލަފާކޮށްފައެވެ.
ދުނިޔޭގެ އާބާދީ އެންމެ އިތުރުވެގެންދާނީ މި ގަރުނު ނިމޭ ހިސާބުގައި ކަމަށާ، އެގޮތުން މިހިނގާ ގަރުނު ނިމޭއިރު ދުނިޔޭގެ އާބާދީ 11 ބިލިއަނަށް އަރާނެކަމަށް މި ރިޕޯޓްގައި ވަނީ ލަފާކޮށްފައެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ރެކޯޑް މިހާރު އޮންނަނީ ޗައިނާގެ އަތުގައެވެ. ޗައިނާގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1.43 ބިލިއަނެވެ. އިންޑިއާގެ މިހާރުގެ އާބާދީއަކީ 1.37 ބިލިއަނެވެ. މިއީ ދުނިޔޭގެ ޖުމުލަ އާބާދީއަށް ބަލާއިރު %19 އަދި %18އެވެ. ދުނިޔޭގެ ނިސްބަތުން ދެން އެންމެ އާބާދީ ބޮޑީ އެމެރިކާގައެވެ. އެމެރިކާގެ އާބާދީއަކީ 329 މިލިއަން މީހުންނެވެ. އެމެރިކާއަށްފަހު، 271 މިލިއަން މީހުންގެ އާބާދީއަކާއެކު ލިސްޓުގައި ދެން އޮތީ އިންޑޮނޭޝިއާއެވެ.
މީހުންގެ އެވަރޭޖް އުމުރަށް ބަލާއިރު، ދުނިޔޭގައި މީހުން ދިރިއުޅޭނެ ކަމަށް ބަލާ އެންމެ ދިގު އެވަރޭޖު އުމުރު ނުވަތަ ލައިފް އެކްސްޕެކްޓަންސީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 1990 ގައި ލައިފް އެކްސްޕެކްޓަންސީއަކީ 64.2 އަހަރެވެ. މިހާރު މިއަދަދު ވަނީ 72.6އަށް އިތުރުވެފައެވެ. އަދި 2050 ވަނަ އަހަރު އަންނައިރު، 77.1 އަށް މިއަދަދު އިތުރުވާނެކަމަށް އދއިން ލަފާކުރެއެވެ.