އިސްރާއލުން ވެރިވެގެންފައިވާ ގޯލާންގެ އުސްބިންތައް (ގޯލަން ހައިޓްސް)ގައި އަލަށް އާބާދުކުރާ ސަރަހައްދަށް، އެމެރިކާގެ ރައީސް ޑޮނާލްޑްގެ ޓްރަމްޕް ނަމުން ނަންދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ނިންމަވާ، އެކަން އިއުލާންކުރައްވައިފިއެވެ.

މިއާއެކު މި ސަރަހައްދުގެ ނަމަކީ "ޓްރަމްޕް ހައިޓްސް" ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މިކަމަށްޓަކައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އަލަށް އާބާދުކުރާ ސަރަހައްދަށް ޓްރަމްޕްގެ ނަމުން ނަންދިނުމަށް ނިންމެވީ، އެ ސަރަހައްދުގައި އޮތް އިސްރާއީލުގެ އިސްތިގުލާލު ބަލައިގަތުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށްޓަކައި، ޓްރަމްޕަށް ޝަރަފެއް އެރުވުމުގެ ގޮތުން ކަމަށެވެ.

އަލަށް އާބާދު ކުރާ ސަރަހައްދުގެ އުމްރާނީ އަދި ބިނާވެށީގެ (ކޮންސްޓްރަކްޝަން) މަސައްކަތް އަދި ނުފެށި ކަމުގައި ވީ ނަމަވެސް، ޓްރަމްޕްގެ ނަމުން ނަންދީފައިވާ ބޯޑަކާ، އެމެރިކާގެ ދިދަތައް މިހާރުވެސް އެސަރަހައްދުގައި ވަނީ ޖަހާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ސަލާމްކުރައްވަނީ/ފޮޓޯ: ދަ ނިއު ރިޕަބްލިކް

ފާޑުކިއާ ފަރާތްތަކުން ބުނީ، މިއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށާ، މިއީ އެއްވެސް ވަރަކަށް ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ކަމެއް ނޫންކަމަށެވެ.

ސޫރިޔާގެ އަތުން ގޯލާންގެ އުސްބިންތައް އަތުލާ، އެ ސަރަހައްދަށް އިސްރައީލުން ވެރިވެގަތީ 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައަށް ފަހުގައެވެ. އެއީ އިސްރާއީލުގެ 'އެނެކްސް'އެއް ކަމުގައި 1981 ވަނަ އަހަރު އިސްރާއީލުން ކަނޑައެޅިފަހުން ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ބަލައިގަތް ފުރަތަމަ ގައުމަކީ އެމެރިކާއެވެ.