ހޮންގްކޮންގްގެ އެކްސްޓްރަޑިޝަން ބިލާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި 2 މިލިއަނެއްހާ މީހުން ބައިވެރިވަމުންދާކަމަށް މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ބުނެފިއެވެ.

މިއީ ކަށަވަރު އަދަދެއް ނަމަ، މިއީ ހޮންގްކޮންގްގެ ތާރީހު ދުށް އެންމެ ބޮޑު މުޒާހަރާއެވެ.

ފުލުހުން ބުނާ ގޮތުގައި ހޮންގްކޮންގްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވަމުން ދަނީ ގާތްގަނޑަކަށް 338000 އެއްހާ މީހުންނެވެ.

ހޮންގްކޮންގްގެ އެކްސްޓްރަޑިޝަން ބިލަކީ ހޮންގްކޮންގްގައި ހުރެ ކުރާ ކުށެއްގެ އަދަބަށް އެމީހަކު ޗައިނާއަށް ގެންދެވޭ ގޮތަށް ބާރުދޭ ބިލެކެވެ. 1997 ވަނަ އަހަރު އިނގިރޭސިން ހޮންގްކޮންގް ދޫކޮށްލި ފަހުން، ހޮންގްކޮންގް އޮންނަނީ ޗައިނާގެ ދަށުގައެވެ. ހޮންގްކޮންގް އާއި ޗައިނާ ހިނގަމުންދަނީ "1 ގައުމެއް، 2 ނިޒާމެއް" ގެ އުސޫލުގެ ދަށުންނެވެ. މިއާއެކު، ހޮންގްކޮންގްއަށް މިނިވަންކަން ލިބިދޭ އިހުތިސޯސު އޮންނަނީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ.

ހޮންގްކޮންގްގެ އެކްސްޓްރަޑިޝަން ބިލަށް ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، މި ބިލަކީ، ބޮޑެތި މައްސަލަތަކެއް ހުރި ޗައިނާގެ އަދުލު އިންސާފާ ސަރީއަތުގެ ނިޒާމުގެ ތެރެއަށް ހޮންގްކޮންގްގެ ވަޒަންވެރިން ހުށަހެޅިގެންދާނެ ބިލެކެވެ. އަދި ސިޔާސީ ފައިދާތަކަކަށްޓަކައި ޗައިނާއިން އެ ބިލެއްގެ ނާޖާއިޒު ފައިދާވެސް ނަގާނެ ބިލެއްކަމަށް ބުނާ ބަޔަކު އުޅެއެވެ.

ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި ހޮންގްކޮންގްއަކީ ޗައިނާގެ އިދާރީ ދާއިރާއެކެވެ.