މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކުރި އެ ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުން ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައިގައި ބުނެފައިވަނީ އެކެއް ފެބްރުއަރީގެ އަމުރު ބާތިލް ކުރި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލައި ދިނުމަށެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ މައްސަލައެވެ. މި ތިން ފަނޑިޔާރުންނަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ސޮއިކުރި ތިން ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ އިރު، ޖޭއެސްސީއިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އެ ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ތިން ފަނޑިޔާރުންނާއި ގުޅޭގޮތުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އަމުރު ނެރެފައި ވަނިިކޮށް، ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތަލް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.
އެކެއް ފެބްރުއަރީގެ އަމުރަކީ މިހާތަނަށް ރާއްޖޭގެ ކޯޓަކުން ނެރުނު އެންމެ ވަރުގަދަ އަމުރުކަމަށް ގާނޫނީ މާހިރުން ސިފަކުރެއެވެ. މި އަމުރުގައި ވަނީ ސިޔާސީ ސަބަބަށްޓަކައި ހައްޔަރުކޮށްފައިވާ 13 ބޭފުޅުން ދޫކޮށްލުމަށާއި، ފުލޯ ކްރޮސްކުރިކަމަށް ބުނެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑި އަލުން އިއާދަކުރުމަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރާއެކު އެއިރު ދޮޅު މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއެވެ. އަދި ބައެއް ސިޔާސީ ފަރާތްތަ ވެސް އެއިރު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވައެވެ.