ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން، އެ ކޮމިޝަނުން ސަސްޕެންޑް ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވާކަން ހާމަވެއްޖެއެވެ.

ދީދީ މަސައްކަތަށް ނުކުންނަވާކަން ހާމަވެފައިވަނީ، މާދަމާ އެ ކޯޓުގައި ތާވަުކޮށްފައިވާ ދެ އަޑުއެހުމުގައި ވެސް ފަނޑިޔާރު ދީދީ ބެންޗުގައި އިިންނަވާނެ ކަަމަށް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވުމުންނެވެ.

ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ، އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމަށް ފަހުގައި، ދީދީއާ ދެކޮޅަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައެއްގައެވެ. ދީދީ ސަސްޕެންޑް ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ ނިންމުން ބާތިލް ކޮށް، ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ދީދީގެ ސަސްޕެންޝަން އުވާލާފައިވަނީ، އޭނާ އަމިއްލައަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއާތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުު ނެރެފައެވެ.

އަދި ސުޕްރީމް ކޯޓުގެ އަމުރާއެކު ޖޭއެސްސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ އެކޮމިޝަނުން ދީދީ އާ މެދު ނިންމި ނިންމުން ދެމި އޮތްކަމަށް ނިންމާފައެވެ.

ޖޭއެސްސީން ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ދީދީއާއި ދެކޮޅަށް ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ސުޕްރީމް ކޯޓަށް ޖޭއެސްސީގެ މަސައްކަތްތަކުގެ ތެރެއަށް ނުވަދެވޭނެކަމަށް ވިދާޅުވެފައެވެ.

ނަަމަވެސް، އިދިކޮޅު ފަރާތްތަކުން އަންނަނީ ނަޝީދު ހުށަހެޅުއްވި މައްސަލައަކީ ޒާތީ ހަސަދައެއް އޮވެގެން ހުށަހެޅުއްވި މައްސަލައެއް ކަަމަށް ވިދާޅުވެ ނަޝީދަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.