މާލޭގައި އަންހެނަކު ރަހީނުކޮށް ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ. ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

"ދަޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހެންވޭރުގައި ހުންނަ ގެއެއް ގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލަ ފެންމަތިވެފައި ވަނީ އެ އަންހެން މީހާއަށް އަނިޔާކުރި ފިރިހެން މީހާ ކުއްޔަށް ހިފައިން އުޅުނު ގޭގައި، އެ އަންހެން މީހާ ރަހީނު ކޮށްގެން އުޅޭތާ ދެ ވަރަކަށް ދުވަސް ފަހުންނެވެ.

ރަހީނުކޮށް އަނިޔާކުރި އަންހެން މީހާގެ އާއިލާއިން "ދަޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އަންހެން މީހާ ގެންގޮސް އެގޭތެރޭގައި ބަންދުކޮށް ތަޅުލި ކަމަށެވެ. އަދި އެ ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއް ކަމަށާއި، އާންމުކޮށް ވެސް އޮފް ދުވަސްތަކުގައި އޭނާ އައިސް ފިރިހެން މީހާއާ ބައްދަލުކުރަން ދާ ކަމަށެވެ. އަންހެން މީހާގެ އާއިލާއިން ބުނީ ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން އަންހެން މީހާގެ ފޯނު އަތުލުމަށްފަހު ފޯނު ހަލާކުކޮށްލާފައިވާ ކަމަށާއި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާ ދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިގޮތް ކިޔައިދެމުން އެ އަންހެން މީހާގެ އާއިލާއިން ބުނީ ފިރިހެން މީހާ ރުޅިއައިސްގެން އެތަނުގައި ހުރި ބިއްލޫރި ފުޅިއެއް އެއްލާލުމުން ފުޅި ތަޅައިގެން ގޮސް އަންހެން މީހާގެ އިނގިލި ކަނޑައިގެން ދިޔަ ކަމަށެވެ. އަދި އެ ފިރިހެން މީހާ ފިހިގަނޑުން އެ އަންހެން މީހާގެ ބޮލުގައި ޖަހާ ފަޅާލާފައިވާ ކަމަށެވެ.

އެ އާއިލާއިން ބުނީ އާންމުވެފައިވާ ފޮޓޯތަކަކީ، ދެވަނައަށްވީ ދުވަހު އެ އަންހެން މީހާ ކޮޓަރީގެ ތަޅުދަނޑި ހޯދައިގެން އެތަނުން ނުކުމެ މަގުމަތީގައި އެހީއަށް އެދެމުންދާ މަންޒަރު ކަމަށެވެ. އަދި އެވަގުތު އެ އަންހެން މީހާ ހުރީ ޓީޝާޓަކާއި ތިރިން ޖަންގިޔާ އެކަނި ލައިގެން ކަމަށެވެ. އަދި އެހީއަށް އެދި އެ ސަރަހައްދު މީހުން ކައިރިން އެދުމުން އެއްވެސް މީހަކު އެހީތެރިވެފައި ނުވާ ކަމަށާއި، އަނެއްކާ ވެސް ފިރިހެން މީހާ ގަދަކަމުން އޭނާ އެ ގެޔަށް ވައްދަން އުޅުނު ކަމަށެވެ.

އަދި އެ ފޮޓޯ ނަގާފައި ވަނީ އެހިސާބުގައި އުޅޭ މީހެއް ކަމަށާއި، އެ ފޮޓޯ ނެގި މީހާގެ ރައްޓެއްސަކަށް ފޮނުވުމަށްފަހު، އެމީހާ އެ އަންހެން މީހާގެ ރައްޓެއްސަކަށް އެ ފޮޓޯ ފޮނުވި ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ އެ އަންހެން މީހާ އިއްޔެ ހެނދުނު އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ރޭ ދަންވަރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ އަންހެން މީހާގެ ބަޔާނެއް ފުލުހުން ނުނަގާ ކަމަށާއި، ގެއަށް ދޫކޮށްލުމުން ފުލުހުން ގުޅަން ބުނެގެން ގުޅި ނަމަވެސް، ފުލުހުންގެ ހަބަރެއް ނުވާ ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 7:20 ހާއިރު ދެ މީހުން މާރާމާރީ ހިންގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސީންއަށް ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެ މީހުން ދެމެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަންހެން މީހާގެ އަތަށާއި ބޮލަށް އަނިޔާވެފައިވާ ކަމަށާއި، އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވުނުކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަނިޔާކުރިކަމަށް ބުނާ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.