ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން އުޅެނީ ބަދަލު ހިފުމުގެ ރޫހުގައި ޒާތީ ހަސަދައެއް ފިލުވާލަން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު، މިހާރު ކަންކަން ކުރެވެމުން މި ދަނީ، ބަދަލު ހިފުމުގެ ރޫހާއި ޒާތީ ހަސަދައެއް ފިލުވާލުމުގެ ބޭނުމުގައި ކަމަށެވެ. ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލުމަށް މިހާރު ކުރަމުން ގެންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ޝަރުއީ ކޯޓުތަކުގެ އިސް ބެލެނިވެރި ފަރާތަކީ ރާއްޖޭގެ ސުޕްރީމް ކޯޓުކަމާއި އެ ކޯޓުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރުކަމަށް ޕީއެމްސީން ބުނެފައި ވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިމަހުގެ 13 ވަނަ ދުވަހު ނެރުނު އަމުރަށް ގޮން ޖެހުމުގެ ގޮތުން އެރޭ 7:00 ގައި ޖޭއެސްސީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ނެރުނު ނޫސް ބަޔާނަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިންތަކާއި މިންތަކުގެ ބޭރުން ރާއްޖޭގެ ޝަރުއީ ނިޒާމް ފުނޑުފުނޑުކޮށް، އިސްލާހު ގެނައުމުގެ ނަމުގައި އިތުރު ފަސާދައެއް ކުރުމަށް ހިނގުނު ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް ކަމުގުައި ޕީއެންސީން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ގޮތް ނޫން އެހެން އެއްވެސް ގޮތަކަށް ކަންކަން ކުރުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވާ ކަމަށާއި، ގާނޫނެއް މަނާކުރަން ޖެހިއްޖެ ހިނދެއްގައި ގާނޫނު މަނާ ކުރުމުގެ ބާރު އޮންނާނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރާއެކު ފަނޑިޔާރު ދީދީ މަސައްކަތަށް ނުކުމެވަޑައިގަތުމަށް ހުރަހެއް ނެތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީން ދީދީ ސަސްޕެންޑް ކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ އޭނާގެ ސަސްޕެންޝަން އުވާލާފައެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވަގުތީ އަމުރެއް ނެރެފައެވެ. ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދީދީ ހުށަހަޅުއްވާފައިވާ ފޯމު ބަލައިގަތުމަށް ސުޕްރިމް ކޯޓުން ނިންމާފައިވާ ކަމަށް އަމުރުގައި ވެއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޖޭއެސްސީން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ޖޭއެސްސީގެ މަސައްކަތަކަށް ސުޕްރީމް ކޯޓަކަށް ނުވަދެވޭނެ ކަމަށާއި، އެ ކޮމިޝަނުން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކީ ކޯޓުގެ އިހްތިސޯސުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި ޖޭއެސްސީއާ މަތިކޮށްފައިވާ މަސައްކަތެއް ހިނގަމުން ދަނިކޮށް އެ މަސައްކަތާ ގުޅޭ ފަހުބަސް ބުނުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ އިހުތިސާސުން ނެއްޓި ޖޭއެސްސީގެ އިހުތިސާސްގެ ތެރެއަށް ވަނުމަކީވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.