ހަނގުރާމާގައި ބައިވެރި ވުމަށް ފަހު އެނބުރި އަމިއްލަ ވަޒަނަށް އަންނަ މީހުންނާ މެދު ގޮތެއް ނިންމުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސޫރިޔާއިން އައިސިސްގެ ބާރު ކަނޑުވާ ލެވުނު ފަހުން އެގައުމުގެ ކޭމްޕުތަކުގައި 160 އެއްހާ ދިވެހިން އެބަތިބި ކަމަށާ، އެމީހުން ރީހެބިލިޓޭޓް ކުރުން ނުވަތަ އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ރީއިންޓަގްރޭޝަން މަޝްރޫއަކާ ނުލާ އެ 160 އެއްހާ މީހުން އަނބުރާ ދިވެހި ފަސްގަނޑަށް ގެނައުމަށް ދިވެހިރާއްޖެ ތައްޔާރު ނޫންކަމަށެވެ.
އައިސިސްއާއި ގުޅުން އޮތް ޖަމާއަތުން ޓެރަރިސްޓް ހަމަލާތަކެއްދީ 250 އަށް ވުރެ ގިނަ މީހުން މަރާލުމުގެ ހިތާމަވެރި ހާދިސާތަކެއް ދާދިފަހުން ހިނގާފައިވާ ސްރީލަންކާގައި ހުންނަވާ، ސޫރިޔާގައި ހަނގުރާމަ ކުރަމުންދާ ބޭރުގެ ހަނގުރާމަ ވެރިންގެ މައްސަލައަށް ރިއާޔަތް ކުރައްވަމުން ނަޝީދު ވިދާޅުވީ، މިކަމަކީ ބައިނަލްއަގުވާމީ މައްސަލައެއްގެ ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.
ސޫރިޔާގެ ކޭމްޕުތަކުގައި ތިބި ދިވެހިންގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އެމީހުން ތަހައްމަލު ކޮށްފައިވާ ކަންކަން ދެނެގަންނަން ނޭނގޭނެ ކަމަށާ، މުޖުތަމަށް އަސަރު ތަކެއް ނުކުރާނެ ފަދަ ގޮތަކަށް، އެ ފަދަ (ހަނގުރާމަވެރި) ފަރާތް ތަކެއް އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުމުގެ ގާބިލު ކަމެއް ރާއްޖެއަށް ލިބިގެން ނުވާ ކަމަށެވެ.
އެމީހުންނަށް އެރޭ ފުރަތަމަ ފްލައިޓުން ސީދާ ރާއްޖެއަށް އާދެވެންވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް ރާއްޖެ އޮތީ އިންތިހާއަށް ފާރަވެރިވެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ހަފްތާ ބަންދުގައި ސްރީލަންކާއަށް ފެއްޓެވި ދަތުރުފުޅަކީ، އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކަށް ފަހު ސްރީލަންކާ ހަމައަކަށް އެޅި، ބޭރުގެ ފަރާތްތަކަށް އެގައުމަކީ ރައްކާތެރި ގައުމެއްކަން ސާބިތު ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ފެންނަމުން މިދަނީ ބޭނުންވާ މަންޒިލާ ދިމާލަށް މިސްރާބް ޖަހާފައިވާ ތަން.