މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ އެއް ޕޯސްޓަކީ ސްވީޑަންގެ ސަރުކާރުގެ އިސްވެރިންނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުމުގައި ގެންގުޅުއްވާ ސާދާ ދިރިއުޅުއްވުމުގެ ވާހަކަތައް ހިމަނާފައިވާ ޕޯސްޓެކެވެ.

މި ލިޔުމުގައި ބުނާ ގޮތުގައި، ސްވީޑްންގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހާއްސަ ކުރެވިފައިވާ ރަސްމީ ކާރުކޮޅުތަކެއް ނޯވެއެވެ. ޕްރައިވެޓް ޑްރައިވަރުންނެއް ނުތިބެވެ. އެބޭފުޅުންވެސް އެއްތަނުން އަނެއް ތަނަށް ވަޑައިގަންނަވަނީ އާންމު ފަރުދެކޭވެސް އެއްފަދައިން، އާންމު ދަތުރުފަތުގެ ވިއުގާ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ގޮތުގައި ކަމަށް މި ލިޔުމުގައި ބުނެފައިވެއެވެ.

މިއިން ބޭފުޅަކު އެނޫން ގޮތަކަށް ދަތުރުކުރައްވާނަމަ ޚަބަރުތަކުގެ ފަލަ ސުރުހީތަކުން ނަގާ ބިޔަ ރާޅުގައި ޣަރަގު ކޮށްލުވައެވެ.

ސްވީޑްންގެ ބޮޑުވަޒީރު (ކ) ސްޓެފާން ލޯފްވާން އަދި ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން ބަހުގައި ދަތުރުކުރައްވަނީ/ފޮޓޯ: އިލެކްޓްރިސިޓީ

ދަތުރުފަތުރުގެ ވާހަކަ އެއްކިބާގައި ބޭއްވުމަށްފަހު ސްވީޑްންގެ އިސް މަގާމުތަކުން ފެންނަ ބޭފުޅުންގެ ކިބައިން ފާހަގަކުރެވޭ އިތުރު ކަމެއްވެސް އެބައޮތެވެ. މި ބޭފުޅުންނަކީ ޕާސަނަލް ސެކްރެޓަރީންވެސް ގެންގުޅުއްވާ ބޭފުޅުން ކަމުގައެއް ނުވެއެވެ. މިއިން ބޭފުޅެއްގެ މުސާރައަކީ ޕްރީ ސްކޫލް ޓީޗަރެއްގެ މުސާރައިގެ ދެގުނައެވެ. އާންމު ރައްޔިތަކަށް ވުރެ އިތުރަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކަކާ ބާރުތަކެއްވެސް ނޯވެއެވެ.

މިއީ ދިވެހިންވެސް ދިވެހި ފަސްގަނޑުން ދެކެން ބޭނުންވާ މަންޒަރު ތަކެއްކަން ސޯޝަލް މީޑިއާއަށް ބަލާލުމުން އެނގެއެވެ. މަޖިލިސް 2019 އަށް ދިވެހިން ކުރި އުއްމީދަކީވެސް މިފަދަ އުއްމީދެއް ކަމަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސްވީޑްންގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހާއްސަ ކުރެވިފައިވާ ރަސްމީ ކާރުކޮޅުތަކެއް ނޯވެއެވެ. ޕްރައިވެޓް ޑްރައިވަރުންނެއް ނުތިބެވެ. އެބޭފުޅުންވެސް އެއްތަނުން އަނެއް ތަނަށް ވަޑައިގަންނަވަނީ އާންމު ފަރުދެކޭވެސް އެއްފަދައިން، އާންމު ދަތުރުފަތުގެ ވިއުގާ .ތެރެއިން ފޯރުކޮށްދެވޭ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ގޮތުގައި

ރާއްޖޭގެ ގާނޫނުތައް ހަމަޖެހިފައި އޮންނަ ގޮތުން، ސިޔާސީ ލީޑަރުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާ، އިމްތިޔާޒާ ބާރުތަކުގެ ވާހަކައަކީ މިއަދު ރައްޔިތުން ހަޖަމު ކުރަން ބޭނުންވާ ވާހަކަތަކަކަށް ނުވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެފަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ، އެކަމަށް ކުފޫވެސް ހަމަވާ ބައެއް ނޫނެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި، މިކަން ހާސިލުކުރަމަށް ފުރަތަމަ ކުރަންވީ ކަމަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމު ހަރުދަނާ ކުރުމެވެ. މިއީވެސް މުޅިން ދޮގު ވާހަކައެއް ކަމުގައި ނުދެންނެވޭނެއެވެ. ގަޑިއަށް ތަނަކަށް ދާންޖެހޭ މީހަކަށް ކުރިމަތިލާންޖެހޭ އެތައް ތަކުލީފެއް ގޮސް ގުޅެނީ އިސްވެ ދެންނެވުނު ސިޔާސީ ލީޑަރުންނާ ގުޅޭ ސިޔާސަތުތަކާ، އެކަށީގެންވާ ގޮތެއްގައި އެ ސިޔާސަތުތައް ތަންފީޒު ކުރެވެމުން ދިއުމާ ނުދިއުމުގެ މައްޗަށެވެ.

ވަކި ގަޑިއަކަށް ތަނަކަށް ދާން ގެއިން ނިކުންނަ މީހާއަށް ސަލާމަތް ތެރިކަމާއެކު އެ މަންޒިލަށް ދެވޭނެ ކަމުގެ ޔަގީންކަން މި ގައުމުގައި މިވަނީ އިންތިހާއަށް ހަނިވެފައެވެ. ހުރިހާ ގޮތަކުންވެސް ކުރިމަތިލާން ޖެހެނީ ކޮންމެވެސް ތަކުލީފަކާއެވެ. ހިނގާފައި ދާން ބަލާއިރު ދުއްވާ އެއްޗިއްސައިގެން ހިނގޭކަށް ނޯވެއެވެ. ދުވާރު މަތިން ދާއިރު ކޮންސްޓްރަކްޝަން ސައިޓްތަކާ، އިމާރާތްތަކުގެ ކިޑިކީތަކުން ފައިބަމުންދާ "ހަތިޔާރުން" ސަލާމަތް ވާނެ ކަމުގެ އުއްމީދު ކުޑައެވެ. ދެން އޮތީ ވާރޭ ނުވެހުނަސް އޭސީ ތަކުގެ އައުޓްޑޯތަކުން ފައިބާ ބޮޑު ތިކީގެ ވާރޭގެ ވާހަކައެވެ.

ދެން އޮތީ އެއްގަމު ޓެކްސީގެ ވާހަކައެވެ. މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލާއިރު މުޅިންވެސް އިވެމުން ދިޔައީ ޓެކްސީ ސެންޓަރުތަކުން ފޯނު ނުނަގާ ވާހަކައެވެ. މިއަދު އެވާހަކަ ދައްކާނެ މީހަކު ނުވެއެވެ. ފޯނު ނެގިއްޔާ ނަގާ ފަހަރުވެސް ޖަވާބަކަށް ލިބޭނީ "ހުސްކާރެއް ނެތް" މި ޖަވާބު ނޫންތޯއެވެ. އެހެންވީއިރު ރީނދޫ ބޯޑުޖަހައިގެން، މަގުތަކުގައި ފަރިއަށް ދުއްވަނީ ތާއެވެ. މިހެން މި ދެންނެވީ ކޮންމެ ޓެކްސީއެއްގެ ބޭރުގައި ސެންޓަރެއްގެ ނަމްބަރު ޖަހާފައި އޮންނާތީއެވެ.

މާލޭ މަގުމަތިން ޓެކްސީއެއް ދުއްވާފައި ދަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ދެން އޮތް ގޮތަކީ މަގު މެދަށް ނިކުމެ އަތް ހޫރުމެވެ. ޓެކްސީ ސްޓޮޕްގެ ވާހަކަ ބާއްވަމާ ހިނގާށެވެ. އެއަށް އަމަލުކުރާ މިހަކު ނެތެވެ. ތަންޒީފީ ބާރުތަކުން ފޯރިއަށް ހުންނައިރު، ގައުމުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ދޮރުމަތިންވެސް މިކަން ދަނީ ދާނެ ގޮތަކަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އަތް ހޫރާފައި ނުހޫރާނެ ޓެކްސީއެއް ވެސް ނޭނގެއެވެ. ފެހި ސިގްނަލް ދިއްލައިގެން "ޒޫބަލަންދާ" ވަރަށް މީހުން ބަރާކޮށްގެންވެސް ހިނގައި ދާނެއެވެ. އަތް ހޫރަނިކޮށް، ރަތްބޯޑު ދިއްލައިގެންދާ ކާރަކުން ހުއްޓާވެސް ފާނެއެވެ. އޭރުވެސް އެކި ކޮޅުކޮޅަށް ދުއްވާ މީހުން ތިބެދާނެއެވެ.

ޖެހޭނެ މީހަކު ގަޑިޖެހެންވީއެވެ. އިރެއްގައި ދިން ބަހުގެ ހިދުމަތް މިއަދު އެއްގަމު ތެރެއަކު ނެތެވެ. ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ މިއީ އާންމު ރައްޔިތުން އުޅެމުންދާ ހާލެވެ. ފަހަރުގައި، ސިޔާސީ އިސްވެރިން މިފަދަ ހާލަކަށް ދޫކޮށްލައިގެން ނޫނީ މިކަން އިސްލާހުވާން ނެތީ ކަމުގައިވެސް ވެދާނެއެވެ.

އެކަމަކު، އެ "ބޭފުޅުންގެ" ސަލާމަތާ ރައްކާތެރި ކަމަށްވެސް ބަލަންޖެހެއެވެ. ސްވީޑްންއަކީ ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި އެއް ގައުމެވެ. ޖަލުތައް އޮތީ ފަޅަށޭވެސް ދެންނެވިދާނެއެވެ. އެކަމަކު ދެކުނު އޭޝިއާ ގައުމުތައް އެހެންތޯއެވެ. ޖަލުތައް ފުރި ބަންޑުން ވަނީއެވެ. ގައިދީންނާއި ކުށްވެރިން މަގުތަކުގައިވެސް އުޅެނީއެވެ. މިއީ ހަމައެކަނި ސިޔާސީ ވެރިންނަށް އޮތް ނުރައްކަލެއް ނޫނެވެ. އާންމު މީހާގެ އަތުގައި އޮތް ދެލާރިވެސް ފޭރިގަންނަނީ މަދެއް ކޮށެއް ނޫނެވެ. އެހެން ވީއިރު، ސްވީޑްންގައި ކުރީއޭ ބުނެ މިތަނުގައި އެކަން ކުރެވިދާނެ ހެއްޔެވެ؟ މިއީ "އަދު" ޖަވާބެއް ލިބެން ނެތް ބޮޑު ސުވާލެކެވެ!