ޕްރައިވެޓް ސެކްޓާ ކުރިއަރާނީ މިނިސްޓްރީ ތަކުގައި ހިންގާ ޓްރެއިނިން ސެންޓަރުތައް ބަންދުކޮށްގެން ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަދި ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން (ފީމް) ގެ ނައިބު ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި އިންޓަވިއު އެއްގައި ޝަރީފް ވިދާޅުވީ، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ ސަރުކާރުގެ ގިނަ މިނިސްޓްރީތަކާއި ގިނަ އެޖެންސީ ތަކުން ތަމްރީނު ހިންގަން ފެށުން ކަމަށެވެ. އެގޮތުން، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ކޮޓަރި ތަކުގެ ތެރޭގައި، ޑިގްރީ އަދި މާސްޓާސް ލެވެލްގެ ކޯސްތައް ހިންގަމުން ދާކަން ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި މިހެން ވުމުގެ ސަބަބުން ޕްރައިވެޓް ސެކްޓާ ކުރިއަރައިގެން ދާނެ ޖާގަ ނުލިބޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ދާދި އިހަކަށް ދުވަހު ވެސް މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ސަރުކާރުގެ މުއައްސަސާއަކުން ހިންގަން ފެށި ހަބަރު އަޑު އިވިގެން ދިޔަ ކަމަށެވެ. ޝަރީފު ވިދާޅުވީ، ހުރިހާ ކޯހެއް ވެސް ހިންގަން ޖެހެނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން ވަކި ގޮތަކަށް ތަރުތީބު ވެގެން އިންސްޓިޓިއުޝަންގެ އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، ސަރުކާރުގެ މުއައްސަސާއަކުން މާސްޓާސް ޕްރޮގްރާމް ހިންގަން ފަށާއިރު، ކިޔަވަން ދަނީ އެ އޮފީހުގެ މުވައްޒަފުން ކަމަށާއި ކިޔަވާދޭން ދަނީ އެ އޮފީހުގައި ތިބޭ ސީނިއާ ބޭފުޅުން ކަން ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި އެ ކޯސް ނިމުމުން، ސެޓްފިކެޓްތައް ދީ، ސެޓްފިކެޓްތަކުގައި ސޮއިކޮށް، އެ އެޕްރޫވް ވެސް ކުރަނީ އެތަނުގެ މުއައްޒަފުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

އެ ކުދިން ބޭނުންވާނީ އެތަނުން ކިޔަވަން، އެއީ އެކުދިންނަށް ޕްރޮމޯޝަން ލިބި އެކުދިން ކުރިއަރައިގެން ދާނީ އެތަނުން ކިޔެވީމަތާ.
ޝަރީފް

މިފަދައިން ކޯސްތައް ހިންގާނަމަ، އެތަނުގެ ފެންވަރު ޔަގީން ކުރާނެ ގޮތެއް ނޯންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް، މިފަދައިން ކޯސް ހިންގާ ނަމަ، އެކުދިން ބޭނުންވާނީ އެ އޮފީހުން ކިޔަވަން ކަމަށާއި، އެ އޮފީހުން ކިޔެވުމުން އެ ކުދިންނަށް ކުރިއެރުން ލިބި، ކުރިއަރައިގެން ދާނެ ކަން ޝަރީފު ފާހަގަކުރެއްވިއެވެ.

އެހެން ގައުމުތަކުގައި ކުދިން ކިޔަވަނީ ޔުނިވާސިޓީ، ކޮލެޖުތަކުން ކަމަށާއި، އޮފީސްތަކުން ހިންގާނީ ކޯޕަރޭޓް ޓްރައިނިން ކަހަލަ ޕްރޮގްރާމްތައް ކަމަށެވެ. އެއީ އެ ވަޒީފާގައި ތިބޭ މީހުން އެ ވަޒީފާއަށާއި މަސައްކަތަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގްރާމްތައް ކަމަށް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް އޭގެ ބަދަލުގައި ރާއްޖޭގެ މުއައްސަސާތަކުން ހިންގަނީ ތިން އަހަރު، ހަތަރު އަހަރުގެ ކޯސްތައް ކަމަށާއި، މިހެން ވުމުގެ ސަބަބުން، އެތަނުގެ މެނޭޖުމަންޓާ، ސްޓްރަކްޗާ ގެއްލިފައި ވުމަކީ ދިމާވާ ވަރަށް ބޮޑު ގޮން ޖެހުމެއް ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.