ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އަދީބާއި އަނބިކަނބަލުން މަރިޔަމް ނަޝްވާ އިންޑިއާއަށް ފުރާވަޑައިގަތީ މިއަދުއެވެ.

އަދީބު އާއިލާއިން ބުނާ ގޮތުގައި އޭނާ އިންޑިއާއަށް ވަޑައިގަންނަވަނީ ލޮލުގެ ބައްޔެއް ކަމުގައިވާ ގުލުކޯމާއަށް ފަރުވާ ހޯދުމަށެވެ. އާއިލާއިން ބުނާ ގޮތުގައި އެބައްޔަކަށް ރާއްޖޭގައި ފަރުވާ ދެވޭކަށް ނެތެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް އުފުލި ދައުވާ ތަކުގައި 33 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ހުކުމެއް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އަދީބު އިންޑިއާއަށް ވަޑައިގަންނަވާ އިރު އޭނާގެ މައްޗަށް އޮތީ ކޯޓުގެ ހުރުމަތް ކަނޑުއްވައިގެން އައިސް އޮތް 15 ދުވަހުގެ ހުކުމެކެވެ.

ބޭސް ފަރުވާއަށް އަދީބު ފޮނުވަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހުއްދަ ދިނުމުން އެކަން މަޖިލީހުގެ ސަމާލުކަމަށް އައިސް، ޕޮލިހާ، ހޯމް މިނިސްޓްރީ އަދި ކަރެކްޝަނާއި އިމިގްރޭޝަން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. އެ ބައްދަލު ވުމުގައި އެ މުއައްސަސާތަކުން ބުނެފައިވަނީ މެޑިކަލް ކައުންސިލުން އަދީބު ބޭރަށް ދާން ލަފާ ދިނުމާއެކު އެ މުއައްސަސާތަކުން ހުއްދަ ދީފައި ވަނީ ފާރަވެރިންނާއެކު އަދީބު ދިއުމަށެވެ. އެގޮތުން ފުލުހުންގެ 7 މީހަކު އަދީބުގެ ހަރަކާތްތައް ބަލަން އަބަދުވެސް ތިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އިންޑިއާގައި އަދީބަށް ފިލާވަޑައިގަތުމަކީ މުސްތަހީލު ކަމެއް ކަމަށާ ބޭސް ފަރުވާއަށް ފަހު އަދީބު މިމަހު 26 ގައި އެނބުރި ވަޑައިގަންނަވާނެކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ފޮނުވާތީ ގިނަ ބަޔަކު ކަންބޮޑުވީ އޭނާގެ މައްޗަށް ދައުވާ އުފުލި ހުކުމްތައް އައިސްފައިވާ މައްސަލަތަކުގެ ބޮޑުކަމުންނެވެ.