އައިޖީއެމްއެޗް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލުގެ އިންޖީނު ރޫމުގައި ކަމަށާ މިހާރު އަލިފާން ކޯންޓްރޯލް ކުރެވިފައި ވާކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އަލިފާނުގެ ހާދިސާ ހިނގީ އައިޖީއެމްއެޗް ގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ރޯވުމުން ކަމަށެވެ. އަދި ހާދިސާ ހިގައިގެން ރިޕޯޓު ކުރިތާ ދިހަވަރަކަށް މިނެޓުގެ ތެރޭގައި ނިއްވާލައިފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގުމުން، އައިޖީއެމްއެޗް ސަރަހައްދަށް ދުމުގެ އަސަރު ވަނީ ފެތުރިފައެވެ. އެމްއެންޑީއެފުން ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދާއިރު ހޮސްޕިޓަލުގައި ތިބި ބައެއް ބަލިމީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް އެ ހޮސްޕިޓަލުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމާ ދިމާލުގައި ދުން އެބަހުރި ކަމަށެވެ. އަދި އެސަރަހައްދުން މީހުން ގެންގޮސްފައިކާމަށްވެސް ފުލުހުން ބުނެއެވެ.
އައިޖީއެމް ހޮސްޕިޓަލަކީ ރެއާ ދުވާލު ގިނަ އަދަދެއްގެ ބަލިމީހުން ޒިޔާރަތް ކުރާ ހޮސްޕިޓަލެކެވެ.